"މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ފަސްވަނަ ދަންފަޅި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ހުޅުމާލޭގެ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ގައި މިރޭ ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، ޘާނަވީ އަދި މަތީ ޘާނަވީ އިމްތިހާނުތަކުގެ ވަކިވަކި މާއްދާތަކުން މުޅި ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށާއި "ހައި އެޗީވްމަންޓް އެވޯޑު" ހޯދި ދަރިވަރުންނަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. މީގެ އިތުރުން ޘާނަވީ އިމްތިޙާނުން "އައުޓްސްޓޭންޑިންގ ޕިއަރސަން އެވޯޑް" އަދި މަތީ ޘާނަވީން "އައުޓްސްޓޭންޑިންގ ކެމްބްރިޖް ލަރނަރ އެވޯޑް" އާއި "ހައި އެޗީވަރޒް ސްކޮލަރޝިޕް" ހާސިލުކުރި ކުދިންނަށް ވެސް އިނާމު ދީފައިވެއެވެ. މީގެ ތެރެއިން އެންމެ ޝަރަފުވެރި އެވޯޑުތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ.
މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް އޮނަރ ގާޑެއް އަރުވާފައިވާއިރު، ދަރިވަރުންގެ ފަރާތުން އެމަނިކުފާނަށް ވަނީ ހަނދާނީ ހަދިޔާއެއް ވެސް ވެދުމަށް އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ދުރު ރާސްތާގެ ތަރައްޤީއަށް މި ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ މުހިންމު އަމާޒަކީ ތަޢުލީމާއި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކޮށް، ތަޢުލީމީ އަދި ފަންނީ ޒުވާނުން އިތުރުކުރުމަށް މަގުފަހިކޮށްދިނުމެވެ.



