ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށް ދަނިކޮށް ހުޅުމާލޭގެ ސްކޫލަކަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. މި ދެ މީހުން ހައްޔަރުކުރީ ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ބެހެއްޓި ކާމިލު ދީދީ ސްކޫލުގައި ވޯޓް ގުނަމުން ދަނިކޮށް، އެ ތަނަށް ވަދެގަނެ ގޮނޑިތައް އުކައި ގެއްލުންދީ ހަމަނުޖެހުން އުފެއްދި ތުހުމަތުގައެވެ.
Advertisement
މި ހަމަނުޖެހުމަކީ ވޯޓުގެ ކަންކަން ކުރިއަށްދިޔަ ގޮތާ މެދު ހިތްހަމަނުޖެހިގެން ބަޔަކު ހިންގި އަމަލެއް ކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު މިހާރު ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދާ ކަމަށެވެ.



