ޕެރޯލްގެ ފުރުސަތުތައް އަވަސްކުރުމުގެ މަގްސަދުގައި، ޝަރުޠު ހަމަވާ ގިނަ އަދަދެއްގެ ގައިދީންނާ އިންޓަވިއު ކުރުމަށް ޕެރޯލް ބޯޑުގެ ޚާއްޞަ ބައްދަލުވުންތަކެއް މާފުށި ޖަލުގައި ބާއްވައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ވިދާޅުވި ގޮތުގައި، މި ދަތުރުގެ ތެރެއިން ޕެރޯލް ބޯޑުގެ މެންބަރުން ވަނީ ޖަލުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ވޮކޭޝަނަލް ކޯސްތައް ކުރިއަށްދާ ގޮތް ވެސް ބައްލަވާލައްވާފައެވެ.
ޕެރޯލް އަކީ ޖަލު ހުކުމުގެ ވަކި މިންވަރެއް ތަންފީޒުކޮށްފައިވާ ގައިދީން، މުޖުތަމައުގެ ރައްކާތެރިކަމަށް ބުރޫނާރާނެ ގޮތެއްގެ މަތިން އަލުން މުޖުތަމައަށް ނެރުމަށްޓަކައި ވަކި ޝަރުތުތަކަކާއެކު ދޫކޮށްލާ ދޫކޮށްލުމެކެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން މި މަސައްކަތް ކުރިއަށްގެންދަނީ ޕެރޯލް ބޯޑުންނެވެ.
ކަރެކްޝަންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2025 ވަނަ އަހަރު ޕެރޯލްއަށް އެދި 241 ރިކުއެސްޓެއް ލިބުނެވެ. އޭގެ ތެރެއިން 189 ފޯމެއް ޝަރުތު ހަމަވިއިރު، 43 ފޯމެއް ޝަރުތު ހަމައެއް ނުވެއެވެ. ބާކީ ހުރި ފޯމުތަކުގެ ތެރެއިން 8 ފޯމެއްގެ މައްސަލަ ނުނިމި އޮތްއިރު، 1 ފޯމެއް އޮތީ ގާނޫނީ ލަފަޔަކަށް އެދިފައެވެ.
މިދިޔަ އަހަރު ޕެރޯލް ބޯޑަށް ހުށަހެޅި 86 ފޯމުގެ ތެރެއިން 42 މީހަކު ދޫކޮށްލަން ހުއްދަ ދިން ނަމަވެސް، އެކި ސަބަބުތަކާހުރެ އޭގެ ތެރެއިން 25 މީހެއްގެ ޕެރޯލް ވަނީ ކެންސަލްކޮށްފައެވެ. މީގެ ތެރޭގައި ހަވާލުވާނެ ބަޔަކު ނެތުމުން ކެންސަލްކުރި 2 މީހަކު ވެސް ހިމެނެއެވެ. ޖުމްލަ ގޮތެއްގައި މިދިޔަ އަހަރު ޕެރޯލްގެ ދަށުން މުޖުތަމައަށް ދޫކޮށްލާފައިވަނީ 27 މީހުންނެވެ.



