ބޭންކް އޮފް މޯލްޑިވްސް އިން ބޭރު ފައިސާ ވިއްކާ މިންވަރު ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މި އަދަދު ވަނީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެ، މަހަކު 80 މިލިއަން ޑޮލަރަށް އަރާފައެވެ. ޖުމްލަ ގޮތެއްގައި ބަލާއިރު، ޖަނަވަރީ 2024 އިން ފެށިގެން ޖޫން 2026 އާ ހަމައަށް ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ބޭންކުން ވަނީ ކަސްޓަމަރުންނަށް 1.7 ބިލިއަން ޑޮލަރު ވިއްކާފައެވެ. މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތާ އަޅައިބަލާއިރު 77 އިންސައްތަ ނުވަތަ 741 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
މި މުއްދަތުގައި އެކި ދާއިރާތަކަށް ދޫކުރި ޑޮލަރުގެ ނިސްބަތް ވެސް ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް އެކަނިވެސް ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި 870 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ ކުރީގެ މުއްދަތާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. އެގޮތުން 2021 ގައި މި ބޭނުމަށް މަހަކު އެވްރެޖްކޮށް 10.7 މިލިއަން ޑޮލަރު ވިއްކިއިރު، މިއަހަރު އެ އަދަދު ވަނީ މަހަކު 37.8 މިލިއަން ޑޮލަރަށް އުފުލިފައެވެ. ހަމައާއެކު ޓެލްގްރެފިކް ޓްރާންސްފާސް ނުވަތަ ޓީޓީ ފޮނުވުމަށް 2023 ގައި މަހަކު އެވްރެޖްކޮށް 10.2 މިލިއަން ޑޮލަރު ވިއްކިއިރު، މިއަހަރު ބޭންކުން ދަނީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 28 މިލިއަން ޑޮލަރު ވިއްކަމުންނެވެ.
ތައުލީމާއި ބޭސްފަރުވާގެ ދާއިރާއަށް ބަލާއިރު، 2023 ވަނަ އަހަރު މަހަކު 2.9 މިލިއަން ޑޮލަރު ވިއްކިއިރު، 2024 ގައި އެ އަދަދު 4 މިލިއަނަށް އަދި 2025 ގައި 5 މިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. އަދި މިއަހަރު މި ބޭނުމަށް މަހަކު 5.8 މިލިއަން ޑޮލަރު ބޭންކުން އަންނަނީ ވިއްކަމުންނެވެ. ދަތުރުވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި ޑޮލަރު ދޫކުރި މިންވަރު ވެސް ވަނީ 70 އިންސައްތަ އިތުރުވެފައެވެ. އެގޮތުން ޖަނަވަރީ 2021 އިން ޑިސެންބަރު 2023 އަށް ދަތުރުވެރިންނަށް 155 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ޖަނަވަރީ 2024 އިން ޖޫން 2026 ގެ ނިޔަލަށް އެ އަދަދު ވަނީ 264 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މީގެތެރެއިން މިއަހަރުގެ ފާއިތުވި 6 މަސްދުވަހު އެކަނިވެސް ބޭންކުން ވަނީ މަހަކު އެވްރެޖްކޮށް 8.5 މިލިއަން ޑޮލަރު ދަތުރުވެރިންނަށް ވިއްކާފައެވެ.



