ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހާއި، އިސްލާމީ ކުތުބުޚާނާއަށް އެއް އަހަރު ފުރުން ފާހަގަކުރުމާއި ގުޅުވާ، އިސްލާމީ ކުތުބުޚާނާއިން ބާއްވާ ޚާއްސަ ފެއަރ ފަށައިފިއެވެ.
މި ފެއަރ ފެށުމަށްޓަކައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ފެއަރ ފައްޓަވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛް އުސާމް މުޙައްމަދުއެވެ.
ސަލްމާން ރަސްގެފާނު މިސްކިތުގައި ތަރައްޤީކޮށްފައިވާ އިސްލާމީ ކުތުބުޚާނާގައި ކުރިއަށްދާ މި ފެއަރ މިއަދު 16:00 އިން 18:00 އަށްވެސް ކުރިއަށްދާނެއެވެ.
އިސްލާމީ ވުޒާރާއިން ބުނީ ހުރިހައި ޢުމުރުފުރައަކަށް ޢާންމުކޮށް ހުޅުވައިލައިގެން ބާއްވާ މި ފެއަރގައި ކުޑަކުދީންނަށް ޚާއްސަ ކުޅިވަރު ޙަރަކާތްތަކާއި، ޚާއްސަ އިނާމުތަކާއި ހަދިޔާތަކާއި އުފެއްދުންތެރިކަން ދައްކުވައިދޭ ސްޓޯލްތަކާއި ޢިލްމީ ފޮތްތަކާއި މަޢުލޫމާތު ހިމެނޭ ސްޓޯލްތަކާއި ތަފާތު ރަހަމީރު ކާބޯތަކެތި ލިބޭނޭ ސްޓޯލްތަކުގެ އިތުރަށް ޚާއްޞަ ޢިލްމީ ސެޝަންތައް ވެސް ކުރިއަށް ދާނެ ކަމަށެވެ.
އަދި މިއަދު 17:00 ގައި އިސްލާމީ ކުތުބުޚާނާގައި ޑރ. ސަޢުދުﷲ ޢަލީގެ ޚާއްސަ ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ޑރ. ސަޢުދުﷲ ޢަލީ ނަންގަވައިދެއްވާ ސެޝަނުގެ މަޢުޟޫޢަކީ "ޢިލްމީ ދިރާސާ ހަދާނީ ކިހިނެއް" މި މަޢުޟޫޢެވެ.
އިސްލާމީ ވުޒާރާއިން ބުނީ އިސްލާމީ ކުތުބުޚާނާ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ މަޤުޞަދަކީ، ފޮތްކިޔުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރުމާއި، އިސްލާމީ ކުތުބުޚާނާ ބޭނުންކުރުމަށް ޢާއްމުންނަށް ހިއްވަރުދީ އެ ކަމަށް ބާރުއެޅުން ކަމަށެވެ.



