މިނިސްޓަރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މައުލޫމާތު ދެއްވާގޮތުގައި، ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ މޫސުމީ ބަދަލުތަކަށް ހޭނިފައިވާ، އަދި ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގެ ޤާބިލްކަން ލިބިފައިވާ ހަރުދަނާ ނިޒާމަކަށް ހެދުމަށްޓަކައި 200,000 ޔޫއެސް ޑޮލަރު ގެ ހިލޭއެހީއެއް ރާއްޖެއަށް ވަނީ ފާސްކޮށްފައެވެ. ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރާ އެންމެ އިސް އެއް ޖަމްޢިއްޔާ ކަމަށްވާ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން އިން ދޫކުރި މި ގްރާންޓަކީ އެ ޖަމްޢިއްޔާގެ "ކްލައިމެޓް ސްމާޓް އެޑިއުކޭޝަން ސިސްޓަމްސް" ނުވަތަ "ސެސީ" ޓެކްނިކަލް އިނިޝިއޭޓިވްގެ ދަށުން ދެއްވި އެހީއެއްކަމަށް މިނިސްޓަރީން ހާމަކުރެއެވެ.
އެޑިއުކޭޝަން މިނިސްޓަރީން ވިދާޅުވިގޮތުގައި، 2027 މެއި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މަޝްރޫޢު ރާއްޖޭގައި ހިންގާނީ އެ މިނިސްޓަރީގެ ބެލުމުގެ ދަށުން ޔުނެސްކޯ އަދި "ސޭވް ދަ ޗިލްޑްރަން އޮސްޓްރޭލިއާ" ގެ އެއްބާރުލުމާއެކުގައެވެ. މި "ސެސީ" މަޝްރޫޢުގެ ދަށުން މައިގަނޑު ހަތަރު ދާއިރާއަކުން މަސައްކަތް ކުރަން ހަމަޖެހިފައިވާކަން މިނިސްޓަރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި، މޫސުމާ ގުޅޭ ބައިނަލްއަޤްވާމީ ފަންޑުތަކުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ ޤާބިލުކަން އިތުރުކުރުމާއި، ސްކޫލްތަކުގެ ޤައުމީ މަންހަޖުގައި މޫސުމީ ބަދަލުތަކާއި ކާރިސާތަކުން ރައްކާތެރިވުމުގެ ބައިތައް ހިމަނައި މުދައްރިސުންނަށް ޚާއްސަ ތަމްރީނު ދިނުން ހިމެނެއެވެ.
މީގެ އިތުރުން، ރާއްޖެއަށް އާންމުކޮށް ދިމާވާ މޫސުމީ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް ސްކޫލްތައް ފަރުމާކުރުމާއި، ޚާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުގެ ސްކޫލްތަކުގެ އުމްރާނީ ހާލަތު ބަލައި އޮޑިޓްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރީން މައުލޫމާތުދެއެވެ. ހަމައެއާއެކު، މޫސުމީ ގޮތުން އަންނަ ބަދަލުތަކުގެ އެހީގައި، ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ހަރުދަނާ ސިޔާސަތުތައް އެކުލަވައިލުމަށް މަގުފަހިކުރުމާއެކު، ތަޢުލީމީ ދާއިރާގެ މައުލޫމާތު ބަލަހައްޓާ ނިޒާމު އިތުރަށް ހަރުދަނާކުރުން މި މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމަށް މިނިސްޓަރީން ވިދާޅުވެއެވެ.
އެޑިއުކޭޝަން މިނިސްޓަރީން އިތުރަށް ފާހަގަކުރެއްވިގޮތުގައި، ޖީ.ޕީ.އީ އަކީ ރާއްޖޭގެ ތަޢުލީމީ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ވަރަށް މުހިންމު ހިއްސާދާރެކެވެ. އެގޮތުން އެ ޖަމްޢިއްޔާގެ ހިލޭއެހީގެ ދަށުން "ތަޢުލީމަށް އިންގިލާބީ ބަދަލު" (ތައިބަ) ގެ ނަމުގައި ބޮޑު މަޝްރޫޢެއް މިހާރުވެސް އެ މިނިސްޓަރީއާ ގުޅިގެން ކާމިޔާބުކަމާއެކު ކުރިއަށްދާކަން އެޑިއުކޭޝަން މިނިސްޓަރީން ވަނީ ހާމަކުރައްވާފައެވެ.



