ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހާއި އިސްލާމީ ކުތުބުޚާނާގެ އެއްވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކުތުބުޚާނާއިން އިންތިޒާމުކުރާ ޚާއްސަ ފެއަރއެއް މިއަދު ވަނީ ފަށާފައެވެ. ސަލްމާން ރަސްގެފާނު މިސްކިތުގައި ތަރައްޤީކޮށްފައިވާ އިސްލާމީ ކުތުބުޚާނާގައި ކުރިއަށްދާ މި ފެއަރ، މިއަދު ހަވީރު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ފައްޓަވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛް އުސާމް މުޙައްމަދުއެވެ.
މި ރަސްމިއްޔާތުގައި އެ ވުޒާރާގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ހުރިހައި ޢުމުރުފުރާއަކަށް ޢާއްމުކޮށް ހުޅުވައިލައިގެން ބާއްވާ މި ފެއަރ މާދަމާ ހަވީރު 16:00 އިން 18:00 އަށްވެސް ކުރިއަށްދާނެއެވެ. މި ފެއަރގައި ކުޑަކުދީންނަށް ޚާއްސަ ކުޅިވަރު ޙަރަކާތްތަކާއި، ޚާއްސަ އިނާމުތަކާއި ހަދިޔާތަކުގެ އިތުރުން، އުފެއްދުންތެރިކަން ދައްކުވައިދޭ ސްޓޯލްތަކާއި ޢިލްމީ ފޮތްތަކާއި މަޢުލޫމާތު ހިމެނޭ ސްޓޯލްތަކާއި ތަފާތު ރަހަމީރު ކާބޯތަކެތި ލިބޭނޭ ސްޓޯލްތައް ވަނީ ހިމަނާފައެވެ. އަދި މީގެ އިތުރުން ޚާއްޞަ ޢިލްމީ ސެޝަންތަކެއްވެސް ކުރިއަށްދާނެއެވެ. އެގޮތުން 11 ޖުލައި 2026ވާ ހޮނިހިރު ދުވަހުގެ ހަވީރު 17:00 ގައި އިސްލާމީ ކުތުބުޚާނާގައި ޑރ. ސަޢުދުﷲ ޢަލީގެ ޚާއްސަ ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޑރ. ސަޢުދުﷲ ޢަލީ ނަންގަވައިދެއްވާ މި ސެޝަން ޚާއްސަކޮށްފައިވަނީ 'ޢިލްމީ ދިރާސާ ހަދާނީ ކިހިނެއް' މި މަޢުޟޫޢަށެވެ. މިފަދަ ކުލަގަދަ ގޮތެއްގައި މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤުޞަދަކީ ފޮތްކިޔުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރުމާއި، އިސްލާމީ ކުތުބުޚާނާ ބޭނުންކުރުމަށް ޢާއްމުންނަށް ހިތވަރުދީ އެ ކަމަށް ބާރުއެޅުމެވެ.



