ޗައިނާގެ ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ގުއާންގްޒީ ޒުއާން އޮޓޮނޮމަސް ސަރަހައްދުގެ ހަރުފަ ބަލާ ފާމެއްގައި ފެންބޮޑުވެ، ގާތްގަނޑަކަށް 900 ހަރުފަ އާންމުންގެ ތެރެއަށް ދޫވެއްޖެއެވެ. ހެންގްޒޮއު އަވަށުގެ މަގުތަކުން ހަރުފަ ދަތުރުކުރާ ވީޑިއޯތައް އިންޓަނެޓުގައި އާންމުވެފައިވާއިރު، ފާމްގެ މުވައްޒަފުން ދަނީ ދާގަނޑާއި ސްޓަން ގަން ބޭނުންކޮށްގެން އެތަކެތި ހިފުމުގެ މަސައްކަތް ކުރަމުންނެވެ.
އަވަށުގެ ކޮމިޓީން ބުނާ ގޮތުގައި މީގެ ތެރެއިން ގިނައީ ވިހަނެތް ފެން ހަރުފަ ނަމަވެސް، އޭގެ ތެރޭގައި ނުރައްކާތެރި ކޯބްރާ ވެސް ހިމެނޭ ކަމަށް ބެލެވެއެވެ. މިހާތަނަށް ހަރުފައެއް ދަތްއެޅުމުގެ ސަބަބުން އެކަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، ހަރުފައެއް ފެނިއްޖެނަމަ ރިޕޯޓުކުރުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. މި ހާދިސާ ހިނގާފައިވަނީ ޗައިނާއަށް އެރި ތޫފާން 'މެއިސާކް' ގެ ސަބަބުން 55 ކޯރެއް ބަންޑުންވެ، ފެންބޮޑުވުމާ ގުޅިގެންނެވެ. މި ތޫފާނުގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި މިހާތަނަށް 17 މީހުން މަރުވެފައިވާއިރު، އެ ސަރަހައްދުގައި މިހާރު އޮތީ ރެޑް އެލާޓް ނެރެފައެވެ.



