ޖުލައި 6 ވަނަ ދުވަހު ޗައިނާއިން ކުރިއަށް ގެންދިޔަ ބެލިސްޓިކް މިސައިލް ޓެސްޓާ ގުޅިގެން، އެމެރިކާއަށް އެކަށީގެންވާ ވަގުތު އޮއްވައި މަޢުލޫމާތު ހިއްސާކޮށްފައި ނުވާތީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ޗައިނާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. އެމެރިކާގެ އޮފިޝަލަކު ބުދަ ދުވަހު ހާމަކުރެއްވި ގޮތުގައި، ޗައިނާއިން އެމެރިކާއަށް މި ޓެސްޓުގެ ނޯޓިސް ދީފައިވަނީ މަދު ގަޑިއިރުތަކެއް ކުރިން ކަމަށާއި، ދިން މައުލޫމާތުގައި އެކަށީގެންވާ ތަފުސީލެއް ނެތެވެ.
ޗައިނާގެ އަސްކަރިއްޔާއިން ނިއުކްލިއަރ ބާރުން ދުއްވާ ސަބްމެރީނަކުން ޕެސިފިކް ކަނޑަށް ފޮނުވާލި މި މިސައިލާ ގުޅިގެން އެމެރިކާގެ އިތުރުން ޖަޕާން، އޮސްޓްރޭލިއާ، ނިއުޒީލެންޑް އަދި ތައިވާނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލް ވިދާޅުވި ގޮތުގައި، ޗައިނާގެ މި އަމަލަކީ P5 ގެ ނިއުކްލިއަރ ހަތިޔާރު ހުރި އެހެން ޤައުމުތަކުން ގެންގުޅޭ ބައިނަލްއަޤުވާމީ މިންގަނޑުތަކަށްވުރެ މާ ދަށް މިންވަރެކެވެ."ޗައިނާއިން އެމެރިކާއަށް މިކަން އެންގީ މިސައިލް ފޮނުވާލުމުގެ މަދު ގަޑިއިރުތަކެއް ކުރިން. މިއީ ޒިންމާދާރުކަން ކުޑަ އަމަލެއް" އޮފިޝަލް ރޮއިޓާސް އަށް ދެއްވި ބަޔާނެއްގައި ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޗައިނާއިން ނޭނގޭ ގޮތަށް ނިއުކްލިއަރ ހަތިޔާރު އިތުރުކުރަމުންދާ ދަނޑިވަޅެއްގައި މިފަދަ ޓެސްޓުތައް ކުރުމަކީ ސަރަޙައްދީ ހަމަޖެހުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާ، ޝިންހުއާ އިން މި ޓެސްޓަކީ އަހަރީ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން ހިންގުނު "އާންމު އިންތިޒާމެއް" ކަމަށް ސިފަކޮށްފައިވީ ނަމަވެސް، އެމެރިކާއިން ވަނީ ސްޓްރެޓީޖިކް ހަމަޖެހުމާއި ހަތިޔާރު ކޮންޓްރޯލްކުރުމާ ބެހޭގޮތުން މާނަހުރި މަޝްވަރާތަކެއް ކުރުމަށް ބެއިޖިންގއަށް ގޮވާލާފައެވެ. ލަފާކުރެވޭ ގޮތުގައި ޓެސްޓުކޮށްފައިވަނީ އެމެރިކާގެ މައި ބިމާ ހަމައަށް ވާސިލުވުމުގެ ޤާބިލުކަން ހުރި JL-3 މަރުކާގެ މިސައިލެކެވެ.
ނިއުކްލިއަރ ހަތިޔާރުގެ ޕްރޮގްރާމް ފުޅާކުރަމުންދާ ޗައިނާއިން، ހަތިޔާރު ކޮންޓްރޯލްކުރުމުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އެމެރިކާއިން ކުރާ އިލްތިމާސްތަކަށް ތަކުރާރުކޮށް ދަނީ ދެކޮޅު ހަދަމުންނެވެ. ވަކިން ޚާއްޞަކޮށް، ތައިވާނަށް އެމެރިކާއިން ހަތިޔާރު ވިއްކާ މައްސަލައިގައި އިޙްތިޖާޖުކުރުމުގެ ގޮތުން ޗައިނާއިން ވަނީ މިފަދަ މަޝްވަރާތައް މިހާރު މެދުކަނޑާލާފައެވެ.



