އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބުރާސްފަތި ދުވަހު ވިދާޅުވީ، އިންޑިއާއާއި އޮސްޓްރޭލިއާގެ ގުޅުމުގެ ސަބަބުން ނިއުކްލިއަރ އަދި އިޢާދަކުރަނިވި ހަކަތައާއި، މުހިންމު މަޢުދަންތަކާއި ގްރީން ހައިޑްރޮޖަންގެ ދާއިރާއިން ދެ ޤައުމަށް އެކުގައި މަސައްކަތް ކުރުމުގެ "ތާރީޚީ ފުރުޞަތުތަކެއް" ފަހިވެގެންދާނެ ކަމަށެވެ. މެލްބަންގައި ބޭއްވުނު އޮސްޓްރޭލިއާ-އިންޑިއާ އިޤްތިޞާދީ ރޯޑްމެޕް ވިޔަފާރި ހަރަކާތުގައި ވާހަކަދައްކަވަމުން މޯދީ ވަނީ އިންޑިއާގައި ދިގުމުއްދަތަށް އިންވެސްޓްކުރުމަށް އޮސްޓްރޭލިއާގެ ވިޔަފާރިތަކަށް ބާރުއަޅުއްވާފައެވެ.
މޯދީ ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާގެ ޓެކްނޯލޮޖީއާއި، ރައުސްމާލާއި ވަސީލަތްތަކުގެ އެހީގައި އިންޑިއާއިން ހަކަތައިގެ ދާއިރާ ބަދަލުކުރުމަށް ކުރާ މަސައްކަތް އަވަސްކުރެވިދާނެއެވެ. މީގެ އިތުރުން، އިންޑިއާގެ މަގުތަކާއި، ބަނދަރުތަކާއި، ރޭލުވޭތަކާއި އަދި ސިޓީތަކުގެ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް އިންވެސްޓްކުރުމަށް ދައުވަތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، "އިންޑިއާއަކީ ތިޔަބޭފުޅުންގެ ފަންޑުތަކަށް ރައްކާތެރި، ހަމަޖެހޭ އަދި ދެމެހެއްޓެނިވި ކުރިއެރުމުގެ ފުރުޞަތުތަކެއް އޮތް ޤައުމެއް" ކަމަށެވެ.
ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުން ބަދަހިކުރަމުންދާ މި ދަނޑިވަޅުގައި، އިންޑިއާއިން ދަނީ 2047 ވަނަ އަހަރާ ހަމައަށް 100 ގިގަވޮޓްގެ ނިއުކްލިއަރ ހަކަތަ އުފެއްދުމުގެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އޮސްޓްރޭލިއާގެ ޔުރޭނިއަމް ރިޒާވަށް ބަލަމުންނެވެ. ހަމައެއާއެކު، އޮސްޓްރޭލިއާގެ އެންމެ ބޮޑު ޕެންޝަން ފަންޑު ކަމަށްވާ 'އޮސްޓްރޭލިއަން ސުޕަރ' އިން ވަނީ އިންޑިއާގެ ނޭޝަނަލް އިންވެސްޓްމަންޓް އެންޑް އިންފްރާސްޓްރަކްޗަރ ފަންޑަށް އިތުރު 500 މިލިއަން އޮސްޓްރޭލިއާ ޑޮލަރު އިންވެސްޓްކުރާނެކަން އިޢުލާންކޮށްފައެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް، މޯދީއާ ބައްދަލުކުރެއްވުމަށްފަހު، އިންޑިއާގެ ލީޑަރަކީ އޮސްޓްރޭލިއާއާއި އިންޑިއާ ދެމެދުގައިވާ "ދިރިހުރި ފާލަމެއް" ގެ ގޮތުގައި ސިފަކުރެއްވިއެވެ. އަލްބަނީޒް ވިދާޅުވީ މޯދީގެ ވިސްނުންފުޅުގެ ސަބަބުން ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމުގެ ރޯޑްމެޕް އަލުން ބައްޓަންކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ. އޮސްޓްރޭލިއާގެ ފަސްވަނައަށް އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާގެ ގޮތުގައި އިންޑިއާ އޮތްއިރު، އެ ޤައުމުގައި އިންޑިއާ ނަސްލުގެ ގާތްގަނޑަކަށް އެއް މިލިއަން މީހުން ދިރިއުޅެއެވެ.
މި ދަތުރުފުޅުގެ ތެރެއިން މޯދީ ބުރާސްފަތި ދުވަހުގެ ހަވީރު މެލްބަންގެ ސްޓޭޑިއަމެއްގައި އެތައް ހާސް އިންޑިއާ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ. މިއާއެކު އެސަރަހައްދުގައި މުޒާހަރާ ކޮށްފާނެ ކަމުގެ ރިޕޯޓްތަކާ ގުޅިގެން ސްޓޭޑިއަމް ކައިރީގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ. މޯދީ އޮސްޓްރޭލިއާ އަށް ވަޑައިގެންނެވީ އިންޑޮނީޝިއާއަށް ކުރެއްވި ދަތުރުފުޅަށްފަހުގައެވެ. އެމަނިކުފާނު، ނިއުޒީލެންޑަށް ވަޑައިގަތުމަށްފަހު އެނބުރި އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގައެވެ.



