މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މާލޭގެ އިމާރާތްތަކުގައި ހަރުކޮށްފައިވާ އޭސީ ހޮޅިތަކާއި ދިޔަދޮވިތަކުން މަގުމައްޗަށާއި ޕޭމަންޓްތަކަށް ފެންތިކި ޖަހާ މައްސަލަ ހައްލުކުރުމަށް އެ ކައުންސިލުން ވަނީ އަނެއްކާވެސް އަންގައިފައެވެ.
މީގެ ކުރިންވެސް މިފަދަ އެންގުންތައް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށާއި، މިގޮތަށް ފެންތިކި ޖަހާ ތަންތަން ފާހަގަވާނަމަ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮޓޯ އާއި ވީޑިއޯ ފޮނުވައިދިނުމަށް ކައުންސިލުން އެދެއެވެ. މިކަމުގެ ސަބަބުން ހިނގާ މީހުންނަށާއި ދުއްވާ އެއްޗެހީގައި އުޅޭ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކެއް ވަމުންދާކަން ކައުންސިލުން ފާހަގަކުރެއެވެ.
މިކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް އަޒީމް ވިދާޅުވީ، މިއީ ޒަމާނުއްސުރެ ހައްލުނުވެ އޮތް މައްސަލައެއް ކަމަށާއި، މިކަން ތަކުރާރުވަމުންދާތީ ރައްޔިތުންގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އަދި މާލެއަކީ އެންމެނަށް އުޅެން ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި މިފަދަ ކަންކަމުގައި އާންމުންގެ އެއްބާރުލުމާއި އެހީތެރިކަން ކައުންސިލަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.



