ދަތުގެ ފަރުވާގެ ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށް، ޚިދުމަތްތައް ފުޅާކޮށް ފެންވަރު ރަނގަޅު ކުރުމާއެކު، ރައްޔިތުންނަށް ފަސޭހަކަމާއެކު އެ ޚިދުމަތް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވަނީ ދެއްވައިފައެވެ. ނައިބު ރައީސް މި ބަސްފުޅު ވިދާޅުވީ ސަރުކާރުން ދެމުންގެންދާ ދަތުގެ ފަރުވާގެ ޚިދުމަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން ޒަމާނީ ފެންވަރުގެ އާ ޚިދުމަތްތަކެއް ތައާރަފުކުރުމަށް މަސައްކަތް ކުރުމަށް ފަންނީ ބޭފުޅުންނަށް އިލްތިމާސްކުރައްވައިފައެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ދަތުގެ ފަރުވާގެ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ކުރައްވަމުންދާ ބޭފުޅުންގެ އަގުވަޒަންކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. ވަކިން ޚާއްޞަކޮށް، ވޭތުވެދިޔަ 50 އަހަރު މެދުކެނޑުމެއްނެތި ސިއްހީ ދާއިރާއަށް ޚިދުމަތް ކުރައްވަމުންދާ މުޙައްމަދު ސަލީމްގެ ނަންފުޅު ފާހަގަކުރައްވައި، އެއީ އެންމެންނަށް ހުރި ނަމޫނާއެއް ކަމަށާއި އެއީ ރާއްޖޭގެ ސިއްހީ ތާރީޚުގައި އަގުހުރި ތަރިކައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. މީގެ އިތުރުން، މި ފަރުވާގެ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން މިއަދު ޚިދުމަތް ދެއްވަން ތިއްބެވުމަކީ ފަޚުރުވެރިވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
އަތޮޅުތެރޭގައިވެސް ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައި، މި ޚިދުމަތް ހަމައެކަނި މާލެއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެއްކަން ނައިބު ރައީސް ތަކުރާރުކުރެއްވިއެވެ. އަދި އެ މަސައްކަތްތައް މިހާރުވެސް ބާރުދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ދަތުގެ ފަރުވާގެ ޚިދުމަތަކީ މުޅި ސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ ފަދަ މަތީ ފެންވަރެއްގެ ޚިދުމަތަކަށް ހެދުމުގެ އުންމީދު އާކުރެއްވިއެވެ. މި ރަސްމިއްޔާތުގައި، ސަރުކާރުގެ ޑެންޓަލް ޑިޕާޓްމަންޓްގެ ތާރީޚާ ގުޅޭ ފޮތް "އިހުން މިއަދާއި ހަމައަށް" ނައިބު ރައީސް އިފުތިތާހުކޮށްދެއްވިއިރު، ދާއިރާއަށް ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރެއްވި ބޭފުޅުންނަށް އަގުވަޒަންކުރުމުގެ އެވޯޑްވެސް އެމަނިކުފާނު ހަވާލުކޮށްދެއްވިއެވެ.



