އއ. ހިމަންދޫ އުތުރު ފަރާތް މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބެމުންދިޔަ 18 އަހަރުން ދަށުގެ ދެ ކުއްޖަކު، ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން އިއްޔެ ސަލާމަތްކޮށްފިއެވެ.
އއ. އަތޮޅު ޕޮލިސް ސްޓޭޝަނުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ ސަރަހައްދުގައި ހުރި އަންހެނެއްގެ ފަރާތުން ލިބުމާއެކު ފުލުހުން ވަގުތުން އެ ސަރަހައްދަށް ދިޔައެވެ. ފުލުހުން ދިޔައިރު، ރަށުގެ ގޮނޑުދޮށާ ގާތްގަނޑަކަށް 100 މީޓަރު ދުރުގައި 11 އަހަރާއި 12 އަހަރުގެ ދެ ކުދިން ގެނބެމުންދިޔައެވެ. އެ ކުދިން ސަލާމަތްކުރުމަށްޓަކައި ޕޮލިސް ކޮންސްޓަބަލް އިބްރާހީމް ނަބީހް އާއި އެ ރަށު ދިލާސާގޭ މުޙައްމަދު އާޙިލް ވަގުތުން މޫދަށް ފުންމާލައި، ފަތާފައި ގޮސް އެ ކުދިން ތިބި ހިސާބަށް ދިޔައެވެ.
އއ. އަތޮޅު ޕޮލިސް ސްޓޭޝަނުން އިތުރަށް ބުނީ، އެ ދެ ކުދިން ސަލާމަތްކޮށްގެން އެއްގަމަށް ގެނައުމުގައި ހިމަންދޫގެ އިތުރު ދެ މީހަކުވެސް އެހީތެރިވެފައިވާ ކަމަށާއި، އެންމެންގެ މަސައްކަތުން އެ ކުދިން ސަލާމަތުން ބީޗް ސަރަހައްދަށް ގެނެވުނު ކަމަށެވެ. މި ހާދިސާގައި އެ ދެ ކުދިންނަށް ކޮންމެވެސް ވަރަކަށް ލޮނު ބޮވިފައިވީ ނަމަވެސް، ދެ ކުދިންގެ ހާލުވެސް ސީރިއަސް ނޫން ކަމަށާއި ހާލު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިފަދަ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، މޫދަށް އެރި އުޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ވަކިން ހާއްސަކޮށް ކުޑަކުދިން މޫދަށް އެރޭއިރު ބޮޑެތި މީހުންގެ ބެލުމުގެ ދަށުން އެކަން ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



