މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް ތާރުއަޅާ މިއަދު ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ސެގްމެންޓު 4 އަދި 5 ގައި ތާރު އަޅަން ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި މިއަދު ހެނދުނާ ހަމައަށް އެ ސަރަޙައްދުގައި ތާރުއަޅާ ވަނީ އެއްކޮށް ނިންމާލާފައެވެ.
މިހާރު ކުރިއަށްދާ ފުރަތަމަ ފިޔަވަހީގެ މަސައްކަތަކީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަޙައްދު ތަރައްޤީ ކުރުމެވެ. އެމްޓީސީސީން ވިދާޅުވީ، ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ސަރަޙައްދުގެ މަގު އާންމުންނަށް ހުޅުވާލުމަށް ނިންމާފައިވަނީ އެއްކޮށް ތާރު އަޅާ ނިންމުމަށްފަހުގައެވެ.
މި މަޝްރޫޢުގެ ދަށުން މަގު ހެދުމުގެ އިތުރުން، އެ ސަރަޙައްދުގެ އެއްގަމު ތޮށި ވަނީ މަގު އިތުރަށް ފުޅާކުރެވޭނެ ގޮތަށް ތަރައްޤީ ކޮށްފައެވެ. އަދި މަގު ހަދަނީ ޒަމާނީ ފެން ހިންދާ ނިޒާމަކާއެކުގައެވެ. މި މަޝްރޫޢުގެ ބޭނުމަކީ މާލޭގެ އުތުރު ފަރާތުގެ ޓްރެފިކް މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމެވެ.
މީގެކުރިން މި މަޝްރޫޢުގެ ދަށުން ޢިއްޒުއްދީން މަގުން ފެށިގެން ހެންވޭރު ޓަރމިނަލްއާ ހަމައަށް ވަނީ ތާރުއަޅައިގެން ތަރައްޤީކޮށްފައެވެ. އެމްޓީސީސީން އަންދާޒާކުރާ ގޮތުގައި މި މަހުގެ 26 ވަނަ ދުވަހަށް މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެއެވެ.



