ދިވެހި ލިޔުންތެރިން ވާންޖެހޭނީ، މި ޤައުމު އަބަދުމެ ފަޚުރުވެރިވާނެ މި ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެެރި ޤައުމުދެކެ ލޯބިވާ ބަޔަކަށް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި އެންމެހައި ލިޔުންތެރިންނަށާއި ރައްޔިތުންނަށް އަރިސްކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިގޮތުން ރައީސް ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނަކީ، އުނގަންނައިދިނުމާއި ތެދު މަޢުލޫމާތު ފެތުރުމަށް އަދި ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއް ކަމަށެވެ.
އެހެންކަމުން، ދިވެހިބަހުން ލިޔާ ކޮންމެ ލިޔުންތެރިއަކުވެސް، ޙައްޤުބަސް ފެތުރުމަށާއި، ރީތިކޮށް މުޚާޠަބުކުރުމަށާއި، ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާވެސް ފައިދާކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެފައެވެ.
"ދިވެހި ޤައުމުގެ އެހާރާއި މިހާރުގެ ލިޔުންތެރިންގެ ތެދުވެރި މަސައްކަތްތަކުގައި ބަރަކާތްލެއްވުން އެދި ދުޢާކުރަން"، ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.



