ރާއްޖޭގައި އަހަރަކު 517،000 ޓަނުގެ ކުނި އުފެދެމުންދާއިރު، ތިމާވެށީގެ މި ބޮޑު މައްސަލަ އެކަށީގެންވާ ގޮތެއްގައި ހައްލުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ހިނގާ ޚަރަދު ބޮޑުވުން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު މުރުތަލާ ވިދާޅުވީ، ރަށްރަށުން ސަރުކާރުގެ ވެރިންނަށް އެންމެ ބޮޑަށް ލިބޭ ޝަކުވާއަކީ ކުނި ނައްތާލުމުގެ ނިޒާމުތައް ފުރިހަމަ ނެތުމުގެ ޝަކުވާ ކަމަށެވެ. އަދި ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން ކުނި އުފުލުމަށް އެއްގަމާއި ކަނޑުދަތުރުފަތުރަށް ބޮޑު ހޭދައެއް ކުރަންޖެހުމާއި، ރަށްރަށުގައި ކުނި މެނޭޖުކުރާނެ ޖާގަ ނެތުމަކީ މި މަސައްކަތަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ.
ރާއްޖޭގައި ކުނި އުފެދޭ މިންވަރު އަހަރަކު ނިސްބަތުން 9 އިންސައްތަ އިތުރުވަމުންދާއިރު، އާބަން ސެންޓަރުތަކުން ބޮލަކަށް ދުވާލަކު 1.2 ކިލޯ އާއި 1.7 ކިލޯއާ ދެމެދުގެ މިންވަރަކަށް ކުނި އުފެދެއެވެ. އަދި އާންމު ރަށްރަށުން ބޮލަކަށް ދުވާލަކު 800 ގްރާމް ކުނި އުފެދޭއިރު، ރިސޯޓުތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް ގެސްޓް ނައިޓަކަށް 3.5 ކިލޯގެ ކުނި އުފެދޭކަން މިނިސްޓްރީން ފާހަގަކުރެއެވެ. މި މައްސަލައަކީ ރާއްޖޭގެ ކުދި ރަށްތަކަށް ބަލާއިރު ކަންބޮޑުވާންޖެހޭ މިންވަރަކަށް އޮތް ކަމަކަށް ވުމުން، މިއަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސަރުކާރުން މިހާރު ދަނީ ގާނޫނީ އޮނިގަނޑުތައް އެކުލަވާލައި، ގަވާއިދުތައް ޑްރާފްޓް ކުރަމުންނެވެ. އެގޮތުން މި ގަވާއިދުތަކަށް ބޭނުންވާ މަޝްވަރާތައް މިހާރު ނިމިފައިވާއިރު، ދެން ކުރިއަށްދާނީ އެ ގަވާއިދުތައް ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމުގެ މަސައްކަތެވެ.



