މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ ގ. ފުންފަޅު ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގައި ދިރިއުޅެމުންދިޔަ 109 މީހަކަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ވަނީ ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ހާދިސާގައި އެގޭގެ 22 އެޕާޓްމެންޓަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު، މުޅި އިމާރާތަށް ފެން ފޯރުކޮށްދޭ ނިޒާމުވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، ހާދިސާގެ އަސަރުކުރި މީހުންގެ ތެރެއިން 93 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވެއެވެ. އަދި އަލިފާން ރޯވި ފަސްވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓެއްގައި ދިރިއުޅުނު 16 މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއުމުގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
މި ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުން މިހާތަނަށް 95,000 ރުފިޔާ ޚަރަދުކޮށްފައިވާއިރު، ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލު ދެނެގަތުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓްތައް ހެދުމުގެ މަސައްކަތް އެ އިދާރާއިން މިހާރު ދަނީ ކުރަމުންނެވެ.



