މިއަހަރު ދުނިޔޭގައި އުފެދުނު އެންމެ ބާރުގަދަ ސުޕަރ ތައިފޫންތަކުގެ ތެރޭގައި ހިމެނޭ "ސުޕަރ ތައިފޫން ބާވީ" ހޯމަ ދުވަހުގެ ހެނދުނު އެމެރިކާގެ ބާރުގެ ދަށުގައިވާ ޕެސިފިކް ޖަޒީރާތަކަށް އަރައިފިއެވެ. މިއީ މިދިޔަ އެޕްރީލް މަހުގެ ފަހުން މި ސަރަހައްދަށް އެރި މިފަދަ ދެވަނަ ބާރުގަދަ ތޫފާނެވެ.
ކެޓަގަރީ 5 ގެ ހަރިކޭންއަކާ އެއްވަރުގެ ބާރުމިނެއްގައި ދަތުރުކުރި މި ތޫފާނުގެ މަރުކަޒު ހުރަސްކުރީ ނޮދަން މަރިއާނާ އައިލެންޑްސްގެ ރޮޓާ ޖަޒީރާގެ މަތިންނެވެ. ތޫފާނުގައި ވައިގެ ބާރުމިން ގަޑިއަކު 180 މޭލަށްވުރެ މައްޗަށް ދިޔައިރު، މީގެ ސަބަބުން އިމާރާތްތަކަށާއި، ގަސްތަކަށާއި، ކަރަންޓު ވިއުގައަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.
ރޮޓާގެ ދެކުނުން 50 މޭލު ދުރުގައި އޮންނަ، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގުއާމަށްވެސް މި ތޫފާނުގެ ސަބަބުން ބާރުގަދަ ވަޔާއެކު ވިއްސާރަކޮށްފައިވެއެވެ. ގުއާމްގައި ހުންނަ އެންޑަސަން އެއާފޯސް ބޭސްއަކީ ޕެސިފިކް ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރު ދެއްކުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް މަރުކަޒެވެ.
މީގެ އިތުރުން، މިދިޔަ އެޕްރީލް މަހު އެރި "ސުޕަރ ތައިފޫން ސިންލާކޫ" ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަދިވެސް މުޅިން އަރައިނުގަނެވޭ ސައިޕޭން އަދި ޓިނިއަން ޖަޒީރާއަށްވެސް މި ތޫފާނުގެ އަސަރު ވަނީ ކޮށްފައެވެ. ޓިނިއަންއަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނަށް އެޓަމް ބޮން އެޅި ބޯޓުތައް ފުރި ތާރީޚީ ރަށެވެ.
މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި "ތައިފޫން ބާވީ" ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި މަރިއާނާ ޖަޒީރާތައް ދޫކޮށް، ގަޑިއަކު 10 އާއި 13 މޭލުގެ ބާރުމިނުގައި ހުޅަނގަށް ދަތުރުކުރާނެއެވެ.
މޫސުމް ކުރިއަށް ދައްކާގޮތުން، ބުދަ ދުވަހާ ހިސާބަށް ދާއިރު ތޫފާން ބާވީގެ މިސްރާބު އުތުރު-ހުޅަނގަށް ބަދަލުވާނެ ކަމަށް ބެލެވެއެވެ.މި މިސްރާބުން ދަތުރުކޮށްފިނަމަ، ހުކުރު ދުވަހުގެ ވަގުތެއްގައި ޖަޕާނުގެ އެންމެ ދެކުނު-ހުޅަނގުގައިވާ ސަކިޝީމާ ޖަޒީރާތަކާ ކައިރިއަށް ތޫފާން ދިއުން އެކަށީގެންވެއެވެ. އަދި ހޮނިހިރު ދުވަހު ޓައިވާނުގެ ބައެއް ސަރަހައްދުތަކާ ކައިރިވުމަށްފަހު، ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ޗައިނާގެ އިރުމަތީ ސަރަހައްދުތަކަށް މި ތޫފާން ފޯރާނެ ކަމަށް ލަފާކުރެވެއެވެ.



