މި އަހަރުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން އައްޑޫމީދޫގައި ޚާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައި، އެކަމަށްޓަކައި ބާއްވާ "މީދޫ މިނިވަން އުފާ 2026" ޕްރޮގްރާމް ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މި ހަރަކާތްތައް އިފްތިތާހުކޮށްފައިވަނީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މީދޫ މިނިވަން އުފާ 2026 ގައި ރޭވިފައިވާ ހަރަކާތްތަކާއި ގުޅޭގޮތުން އައްޑޫމީދޫ ކައުންސިލްގެ ރައީސް އަޙްމަދު ޝާޠިރު ވިދާޅުވީ، މިއީ ފަހުގެ ތާރީޚެއްގައި މީދޫގައި މިނިވަންދުވަހުގެ ހަރަކާތްތައް މިހާ ކުލަގަދަކޮށް ފާހަގަކުރެވޭ ފުރަތަމަ ފަހަރަށް ވެގެންދާނެ ކަމަށެވެ. މި ހަރަކާތްތައް އިންތިޒާމުކުރަނީ އައްޑޫމީދޫ ކައުންސިލާއި، ރަށުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކާއި އެކި މުއައްސަސާތައް ގުޅިގެންނެވެ.
މީދޫ މިނިވަންއުފާ ހަރަކާތުގައި މިއަހަރު ރޭވިފައިވާ ކަންކަމުގެ ތެރޭގައި "މީދުވަން" ގެ ނަމުގައި ބާއްވާ ވަރަށް ހާއްސަ ދުވުމުގެ ޙަރަކާތަކާއި ފެތުމުގެ މުބާރާތެއް ހިމެނެއެވެ. ޝާޠިރު ފާހަގަކުރެއްވި ގޮތުގައި މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން މަސައްކަތްކުރަމުން ދަނީ މި ދުވުމުގެ މުބާރާތުގައި 1000 މީހުން ބައިވެރިކުރުވުމަށެވެ. އަދި މިކަމަށް ހާއްޞަ ކެމްޕެއިނެއްވެސް މިހާރު ވަނީ ފަށާފައެވެ.
މީގެ އިތުރުން މިނިވަންދުވަހާއި ދިމާކޮށް ބާއްވާ މިނިވަން ބާޒާރަކާއި އިތުރު ކުޅިވަރު ހަރަކާތްތައްވެސް ވަނީ ރޭވިފައެވެ. މިގޮތުން ބަށި މުބާރާތަކާއި، ވޮލީ ބޯޅަ މުބާރާތެއްގެ އިތުރުން ހޭންޑްބޯލް އަދި ފުޓްސަލް މުބާރާތެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޝާޠިރު މައުލޫމާތު ދެއްވި ގޮތުގައި މި ހަރަކާތްތައް ތާވަލުކުރެވިފައި ވަނީ ޖުލައި 24 އިން 27 އަށެވެ.
އައްޑޫސިޓީ އިން ވަކިވެ އައްޑޫމީދޫ ވަކި ކައުންސިލެއްގެ ގޮތުގައި ކަނޑައެޅުނުފަހުން، އެ ރަށުގައި އަންނަނީ ގައުމީ މުނާސަބުތައް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަމުންނެވެ. އެގޮތުން މިދިޔަ އަޟްހާ އީދު ފާހަގަކުރުމަށްވެސް ގިނަ ހަރަކާތްތަކެއް އެ ރަށުގައި ވަނީ ހިންގާފައެވެ. މީދޫއަކީ އައްޑޫގައި ޓުއަރިޒަމް ފުޅާވަމުން އަންނަ ރަށަކަށް ވުމާއެކު، މިފަދަ ހަރަކާތްތަކުގެ ސަބަބުން ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވަމުންދާކަން ކައުންސިލުން ފާހަގަކުރެއެވެ.



