ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއް އޭސީ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފަށްޓަވާފައިވާ "ކޫލް ސްކޫލް" މަޝްރޫއުގެ ބޮޑު ބައެއް ނިމި، ދެވަނަ ޓާމުގެ ކިޔެވުން ފެށެންވާއިރަށް ގިނަ ސްކޫލްތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި، 217 ސްކޫލެއް އޭސީ ކުރުމަށް ހިންގާ މި މަޝްރޫއުގެ 61 އިންސައްތަ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އަދި ހުރިހާ ސްކޫލަކަށް ބޭނުންވާ އޭސީތައް މިހާރު ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މަސައްކަތް މުޅިން ނުނިމި ލަސްވާން ދިމާވި މައިގަނޑު ސަބަބަކީ ބައެއް ސްކޫލްތަކަކީ 30 އަހަރަށްވުރެ ގިނަދުވަސްވީ ބައު އިމާރާތްތަކަކަށްވެފައި، އެ ތަންތަނުގައި ހުރީ ސިންގަލް ފޭސް ކަރަންޓު ކަމަށްވުމުންނެވެ. އެހެންކަމުން، މިހާރު ކުރިއަށްދަނީ އެ ސްކޫލްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކާއި ހޯލްތައް އޭސީކޮށް ނިންމުމުގެ މަގުސަދުގައި "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހުކުރީ 2024 ވަނަ އަހަރުގެ ޖޫން މަހުއެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ 54 މިލިއަން ރުފިޔާއަށެވެ. މީގެކުރިން ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރުގެ ދިރާސީ އަހަރު ފެށުމުގެ ކުރިން މަސައްކަތް އެއްކޮށް ނިންމާލުމަށެވެ.



