ޓީޗަރުންގެ މުސާރައިގެ ޕޭ ފްރޭމްވޯކް ރިވިއުކުރާނީ މުދައްރިސުންގެ ހިޔާލާއި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އެ ބޭފުޅުންނާ ގުޅިގެންކަމުގެ ޔަގީންކަން މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާއީލް ޝަފީއު ދެއްވައިފިއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ޕޭ ފްރޭމްވޯކަށް ގެނައި ބަދަލުތަކާ ގުޅިގެން ޓީޗަރުންގެ ހުރި ޝަކުވާތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، މުދައްރިސުންނަކީ ޤައުމު ބިނާކުރާ މޭސްތިރިން ކަމަށްވުމުން، އެންމެ ފުރިހަމަ މުސާރައާއި އިނާޔަތްތައް ލިބެންޖެހޭނީ އެ ބޭފުޅުންނަށެވެ. އަދި މިހާރު ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް މާލެއާއި 15 އެއްހާ އަތޮޅުގެ ގިނަ އަދަދެއްގެ ޓީޗަރުންނާ ބައްދަލުކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މުސާރައިގެ އޮނިގަނޑުގައި ހުރި މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ، އެމްޑީޕީ ސަރުކާރުން އެންމެ ފުރަތަމަ ޕޭ ފްރޭމްވޯކް އެކުލަވައިލިއިރު، ޑިގްރީ ޓީޗަރުންނަށް ސްޓެޕް ޕްރޮމޯޝަން ދިނުމަށްފަހު މާސްޓާސް ހެދުމަށް ހަތަރު އަހަރުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. މިހާރު އެ ސްޓެޕް ޕްރޮމޯޝަންތައް ދިނުމުން، ޑިގްރީ ފެންވަރުގެ ޓީޗަރަކަށް ލިބޭ މުސާރަ، މާސްޓާސް ހަދައިގެން އެ ހަރުފަތަށް ބަދަލުވުމުން ލިބޭ މުސާރައަށްވުރެ ބޮޑުވާ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ.
ޑރ. އިސްމާއީލް ޝަފީއު އިތުރަށް ވިދާޅުވީ، މާސްޓާސް ހެދުމުން މުސާރަ ދަށްވާ ގޮތަށް އޮތް އޮތުން އިސްލާހުކޮށްގެން މެނުވީ، މުދައްރިސުން މާސްޓާސް ގޮޅިއަށް ބަދަލުކުރެވެން ނެތް ކަމަށާއި، މިކަން ހައްލުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.



