އެއްވެސް މަގުބޫލު އުޒުރެއް ނެތި ސްކޫލަށް ހާޒިރުނުވާ ދަރިވަރުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ސްކޫލްތަކަށް އަންގާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި ދުވަސްވަރު ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 8،000 ކުދިން ސްކޫލަށް ހާޒިރެއް ނުވެއެވެ. އަދި މީގެ ތެރެއިން 40 އިންސައްތައަކީ މާލެ ސަރަހައްދުގެ ސްކޫލްތަކަށް ނިސްބަތްވާ ދަރިވަރުންނެވެ.
ދަރިވަރުން ސްކޫލަށް ނުދިއުމުގެ ސަބަބުން ފިލާވަޅުތައް ގެއްލި، ކުދިންގެ ނަތީޖާއަށް ނޭދެވޭ އަސަރު ކުރާނެ ކަމަށާއި، މިއީ ޤައުމުގެ އިންސާނީ ވަސީލަތް ބިނާކުރުމަށްވެސް އޮތް ބޮޑު ހުރަހެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހާޒިރީ ބެލުމުގެ ނިޒާމުގެ ތާރީހަށް އަލިއަޅުއްވާލައްވަމުން ޝަފީއު ވިދާޅުވީ، މިއީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ފެށި މަސައްކަތެއް ނަމަވެސް، އޭގެ ފަހުން އައި އެމްޑީޕީގެ ސަރުކާރުން އެކަން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް، އެޓެންޑެންސް ޕޮލިސީއާ އެއްގޮތަށް ގަވައިދުން އަމަލުނުކުރާ މައްސަލަ ހައްލުކުރުމަށް މިހާރު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
އެގޮތުން މިއަހަރުގެ ޖޫން މަހުން ފެށިގެން ހުރިހާ ސްކޫލަކުންވެސް ކޮންމެ ދުވަހެއްގެ ހާޒިރީ ރިޕޯޓް އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވުން މިހާރު ވަނީ މަޖުބޫރުކޮށްފައެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، ސްކޫލަށް ނުގޮސް ގޭގައި ތިބޭ ކުދިންގެ މައްސަލަ އެގޮތަށް ދޫކޮށްނުލައްވާނެ ކަމަށާއި، މިދިޔަ ދެ ހަފުތާގެ ތެރޭގައި މާލޭގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ސީދާ އިރުޝާދު ދެއްވާފައިވާނެ ކަމަށެވެ.



