އެއްގަމު ދަތުރުފަތުރާ ގުޅުންހުރި ހުރިހާ ޚިދުމަތްތަކެއް އަންނަ އޮގަސްޓް މަހުގެ ނިޔަލަށް އެއްކޮށް ޑިޖިޓަލްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ދަތުރުފަތުރުގެ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރުވެސް އޮންލައިން ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ހުޅުވާލެވިފައިވާ ކަމަށެވެ. ނަމަވެސް، މި ޚިދުމަތްތައް އިތުރަށް ޒަމާނީކޮށް، 'ވަންގަވް' ޕްލެޓްފޯމް މެދުވެރިކޮށް ފުލް ޑިޖިޓަލް ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވަޒީރު ސަޢީދު ހާމަކުރެއްވި ގޮތުގައި، މި ބަދަލާއެކު ރައްޔިތުންނަށް ޚިދުމަތް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މިކަމާ ގުޅޭ ޖުމްލަ ތަސައްވަރެއް ސަރުކާރުގައި އެބައޮތް ކަމަށާއި، ކަމާބެހޭ ހުރިހާ ވުޒާރާތަކެއްގެ އެންޑޯސްމަންޓް ލިބުމުން، ޚިދުމަތްތައް ދޭނެ ސީދާ ތަފްސީލުތައް ރަސްމީކޮށް އިއުލާންކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.


