ރަށްރަށުގައި ބޭސް ލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، އެކަމަށް ހަރުދަނާ ސިޔާސަތެއް އެކުލަވައިލުމަށްޓަކައި ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަން ފަށައިފިއެވެ.
މި ސިލްސިލާގެ ދަށުން ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރު ޝާހު މާހިރު އާއި ކުންފުނީގެ މެނޭޖްމަންޓުން ވަނީ ބ. އޭދެފުށީ ކައުންސިލާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، އޭދެފުށިން ބޭސް ލިބުމުގައި ހުރި ދަތިތަކާއި، ހާއްސަކޮށް ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް ބޭސް ހޯދުމުގައި ދިމާވާ ކަންބޮޑުވުންތައް ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ.
ރައްޔިތުންނަށް ދިމާވާ މިފަދަ ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުންފުނިން ގެންގުޅޭ ހާއްސަ ޕްލޭނާ ބެހޭ މައުލޫމާތު އެމްޑީ ޝާހު ވަނީ ހިއްސާކުރައްވާފައެވެ. އަދި ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް، ދެމެހެއްޓެނިވި އަދި ހަރުދަނާ ނިޒާމެއްގެ ދަށުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މީގެ އިތުރުން، ކައުންސިލްތައް މެދުވެރިކޮށް ބޭސް ފޯރުކޮށްދިނުމާ ގުޅޭގޮތުން ކުންފުނިން ދޭ ހިދުމަތްތަކުގެ މައުލޫމާތު ރައްޔިތުންނަށް އިތުރަށް ހިއްސާކޮށް، އަހުލުވެރިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.
ރަށްރަށަށް ބޭސް ލިބުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ބައެއް ބާވަތްތަކުގެ ބޭސް މާކެޓުން ހުސްވުމުގެ މައްސަލަ އާންމުން އަދިވެސް ދަނީ ފާހަގަކުރަމުންނެވެ. ސްޓޭޓްފާމާގެ މި ބައްދަލުވުންތަކަކީ އެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ފެށި މަސައްކަތެކެވެ.


