ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތް ކުރިއެރުވުމަށް ބާއްވާ އެންމެ މުހިންމު އެއް ހަރަކާތް ކަމަށްވާ "ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް 2026" ގެ ޕްލެޓިނަމް ސްޕޮންސަރަކަށް އުރީދޫ ބިޒްނަސް ވަނީ ހަމަޖައްސާފައެވެ.
މީޑިއަމް އިވެންޓްސްގެ ފަރާތުން އިންތިޒާމުކުރާ އަދި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ފުރިހަމަ ތާއީދާ އެކު ކުރިއަށްދާ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ހުޅުމާލޭގެ ގްރޭންޑް ޕާކް ސައިޑް ބައި ވަން ސެންޓްރަލް ޕާކްގައެވެ.
މިކަމާ ބެހޭ ރަސްމީ އެއްބަސްވުމުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ބިޒްނަސް އޮފިސަރު މިސްޓަރ ރާޖޭޝް މެހެތާއެވެ. އަދި ފޯރަމް އިންތިޒާމުކުރާ މީޑިއަމް އިވެންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަލްފާޟިލް ޝާމް މުހައްމަދެވެ.
އުރީދޫން ހާމަކުރި ގޮތުގައި، މި ފޯރަމަކީ ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި އިމާރާތްކުރުމުގެ ދާއިރާގެ އިސް ވެރިން އެއްތަނަކުން ބައްދަލުވެ، ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިއަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ލިބޭނެ މުހިންމު ފުރުސަތެކެވެ.
އޭގެ އިތުރުން، ސްމާޓް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިމާރާތްކުރުމުގެ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދޭނެ ކަމަށް އުރީދޫން ބުންޏެވެ. މިއީ ޒަމާނީ ޓެކްނޮލޮޖީއާ އެކު ދިވެހި އިމާރާތްކުރުމުގެ ދާއިރާ އިތުރަށް ވަރުގަދަކޮށް ގުޅުވައިދިނުމަށް އެޅޭ ބިންގަލެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
މި ފޯރަމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ގަތުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.


