މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކުގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 27 ބިދޭސީން ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ވަނީ ގިނަ އަދަދަކަށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ، މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކަށް ހާއްސަކޮށް، ރޭ ރެއިޑް އޮޕަރޭޝަނެއް ހިންގާފައެވެ.
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ހޯމް މިނިސްޓްރީން ހާމަކުރި ގޮތުގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާތަނަށް ވަނީ އެއްކޮށްފައެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހު ކުރިއަށްދާނެ ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ.


