ހއ.ހޯރަފުއްޓަށް މަރުވެފައި އޮތް 30 ފޫޓު ހުރި ބޮޑު މަހެއް ލައްގައިފިއެވެ. މި މަސް ލައްގާފައި ވަނީ ރަށުގެ ހުޅަނގު ފަރާތު ފަރުމައްޗަށެވެ.
ހޯރަފުށީ ކައުންސިލުން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ބޮޑުމަސް ފަރުމަތިން ނަގައި، ރަށުގެ ގޮނޑުދޮށަށް އެރުވުމަށްފަހު މިހާރު ވަނީ ވަޅުލާފައި ކަމަށެވެ. ބޮޑުމަސް އެއްގަމަށް އެރުވުމުގެ މަސައްކަތް ކޮށްފައިވަނީ ދެ ޑިންގީއެއްގައި ކަފުޖަހައިގެންނެވެ. އަދި އޭގެފަހުން އެކްސްކަވޭޓަރު ބޭނުންކޮށްގެން ގޮނޑުދޮށުގައި ބޮޑު ވަޅުގަނޑެއް ކޮނުމަށްފަހު ވަނީ ވަޅުލާފައެވެ.
މި މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ހޯރަފުށީ ކައުންސިލާއި، ފުލުހުންނާއި، އެމްއެންޑީއެފްގެ އިތުރުން އެ ރަށުގައި މަސައްކަތްކުރާ އެމްޓީސީސީ ސައިޓްގެ މުވައްޒަފުން ގުޅިގެންނެވެ. ކައުންސިލުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ބޮޑުމަސް މޫދުން ނެގި ވަގުތު ގިނަ އަދަދަކަށް ލޭ ފައިބަމުންދިޔައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މީގެކުރިންވެސް މިގޮތަށް މަރުވެފައި ހުންނަ ބޮޑުމަސް ލައްގަމުންދެއެވެ.


