މާލޭ ލޮނުޒިޔާރަތްމަގުގައި ހުންނަ ގ. ފުންފަޅުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގަލޮޅު މަދަރުސާގައި ގާއިމުކުރި ވަގުތީ އިވެކުއޭޝަން ސެންޓަރުން 58 އަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިން މީހުންގެ އަދަދު މިހާރު ވަނީ 28 އަށް އަރާފައެވެ. އެގޮތުން އައިޖީއެމްއެޗް އިން 25 މީހަކަށް ފަރުވާ ދީފައިވާއިރު، އޭޑީކޭ ހޮސްޕިޓަލުން 2 މީހަކާއި ތުއްތު ކުއްޖަކަށް ވަނީ ފަރުވާ ދީފައެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އިން މައުލޫމާތު ދޭ ގޮތުގައި، އަލިފާން ރޯވި ފަސްވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓްގައި އުޅޭ ފަރާތްތަކަށާއި، ހާދިސާގެ ސަބަބުން ފެންވައިރުގެ މައްސަލަ ދިމާވެ ފެން ނުލިބޭ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެ އޮތޯރިޓީން ދަނީ އިންސާނީ އެހީތެރިކަމާއި، ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސައިދެމުންނެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 22:49 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން އެ ސަރަޙައްދުގައި ހަރަކާތްތެރިވެ، ފުލުހުންނާ ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު ވަނީ އެއްކޮށް ކޮންޓްރޯލް ކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތުގެ އިތުރުން ކައިރީގައި ހުރި ގެތަކުން ވެސް މީހުން ހުސްކުރެވުނު ކަމަށް ސިފައިންނާއި ފުލުހުން މައުލޫމާތުދެއެވެ.
މި ހާދިސާ ހިނގަން މެދުވެރި ވި ސަބަބު ފުލުހުން ދަނީ ތަހުޤީގު ކުރަމުންނެވެ.


