ސެންޓަރ ފޯ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން މާލެއަށް 47 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ހާއްސަ އެސެމްބްލީއެއް ބާއްވައިފިއެވެ.
ސީއެޗްއެސްއީން މައުލޫމާތު ދޭ ގޮތުގައި، މި މަހުގެ 3 ވަނަ ދުވަހު ބޭއްވި މި އެސެމްބްލީއަކީ އެ ސްކޫލުގެ މުއްސަނދި ތާރީޚާއި ކާމިޔާބީތައް ފާހަގަކުރުމުގެ އިތުރުން، އުޖާލާ މުސްތަގުބަލަކަށް އަމާޒު ހިފައިގެން ކުރިއަށްދިޔުމުގެ ރޫހު އާކުރުމަށް ބޭއްވި ހަރަކާތެކެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އަލްފާޟިލް މުހައްމަދު ނަތީމެވެ.
މި އުފާވެރި މުނާސަބަތުގެ އެންމެ ހާއްސަ އެއް ހަރަކާތަކީ ސީއެޗްއެސްއީ މާލޭގެ އަމިއްލަ ޕޮޑްކާސްޓް ކަމަށްވާ "ދަ ވޮއިސް: ކަނެކްޓިންގ މައިންޑްސް" އިފްތިތާހު ކުރުމެވެ. މިއީ ދަރިވަރުންނާއި މުވައްޒަފުންގެ ޚިޔާލުތަކާއި، ވާހަކަތަކާއި، އަދި މާނަވީ މަޝްވަރާތައް ހިއްސާކުރުމަށް ހުޅުވާލެވުނު މުހިންމު މަންސައެއް ކަމަށް ސީއެޗްއެސްއީން ފާހަގަކުރެއެވެ.
މީގެ އިތުރުން، އެ ސްކޫލުގެ 47 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ ހާއްސަ އާޓް އެގްޒިބިޝަން "ބްލޫ ތުރޫ ދަ ޔިއާސް - އެ ކެޕްޗަރ ބިޔޯންޑް ދަ ކްލާސްރޫމް" ވެސް މި ރަސްމިއްޔާތުގައި ވަނީ އިޢުލާނުކޮށްފައެވެ. މި މައުރަޒަކީ ކިޔެވުމުގެ އިތުރުން ދަރިވަރުންގެ ކިބައިގައި ހުރި އުފެއްދުންތެރިކަމާއި، ހުނަރުވެރިކަން އަދި ތަފާތު ވިސްނުންތައް ދައްކާލުމަށް ބާއްވާ މައުރަޒެކެވެ.
މި ތާރީޚީ މުނާސަބަތު ފާހަގަކުރަމުންދާއިރު، ސީއެޗްއެސްއީ އަކީ އުނގެނުމާއި، ލީޑަޝިޕް އަދި ކާމިޔާބީގެ ނަމޫނާ ތަނަކަށް ހެދުމަށް މަސައްކަތްކޮށްދެއްވި އެކި ޖީލުތަކުގެ ދަރިވަރުންނާއި، މުދައްރިސުން އަދި މުވައްޒަފުންގެ އަގު ވަޒަންކުރާ ކަމަށް އެ ސްކޫލްއިން ބުނެފައިވެއެވެ.


