މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް އެސޯސިއޭޝަން (އެމްޕީއެސްއޭ) އިން އިންތިޒާމުކުރާ، މި އަހަރުގެ އެންމެ ބޮޑު ޕްރޮފެޝަނަލް ސްޕީކިންގ ހަރަކާތް "އެމްޕީއެސްއޭ 3 ވަނަ ޕްރޮފެޝަނަލް ސްޕީކާސް ސަމިޓް 2026" މި މަހުގެ 11 އިން 12 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް އެސޯސިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި، މި ސަމިޓުގައި ބައިނަލްއަގުވާމީ ފެންވަރުގެ ފުންނާބުއުސް ކީނޯޓް ސްޕީކަރުންނާއި، ރާއްޖޭގެ ތަޖުރިބާކާރުންގެ އިތުރުން މި ދާއިރާގެ އެކި ފަރާތްތަކުން އެއްވެގެންދާނެއެވެ. މި އަހަރުގެ ސަމިޓުގެ ޝިއާރަކަށް އެ ޖަމިއްޔާއިން ކަނޑައަޅާފައިވަނީ "ވޮއިސަސް އޮފް އިމްޕެކްޓް" އެވެ. މި ޝިއާރު ބިނާވެފައިވަނީ މުޢާމަލާތްކުރުމުގެ ޒަރީއާއިން މީހުންނަށް ހިތްވަރުދީ، ނުފޫޒު ފޯރުވައި، އަދި މާނަވީ ބަދަލުތަކެއް ގެނައުމަށް ހުރި ބާރުގެ މައްޗަށެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓުގައި މުހިންމު ބައެއް މައުޟޫއުތަކަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއެކު ޕްރޮފެޝަނަލް ސްޕީކިންގްގެ މުސްތަގުބަލަށް އަންނާނެ ބަދަލުތަކާއި، ސްޕީޗް ކުރާފްޓާއި ކީނޯޓް ޑިޒައިން ކުރުމުގެ އިތުރުން ވާހަކަދެއްކުމުގެ ދާއިރާއިން ވިޔަފާރިއެއް ބިނާކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ. މީގެ އިތުރުން ޕްރޮފެޝަނަލް ސްޕީކިންގ ސިނާއަތުގެ މުސްތަގުބަލާއި، ލީޑަޝިޕާއި، ނުފޫޒު އަދި މަތީ ފެންވަރުގެ މުއާމަލާތްތަކާ ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި ވާހަކަދެކެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
އެމްޕީއެސްއޭއިން ފާހަގަކުރާ ގޮތުގައި، މި ސަމިޓުގައި ދުނިޔޭގެ ފެންވަރުގެ ކީނޯޓް ޕްރެޒެންޓޭޝަންތަކާއި، އިންޓަރެކްޓިވް މާސްޓަރކްލާސްތަކާއި، ޕެނަލް މަޝްވަރާތަކުގެ އިތުރުން ބައިވެރިންގެ ވާހަކަދެއްކުމުގެ ހުނަރު ކުރިއެރުވުމަށް އެހީތެރިވެދޭނެ ނެޓްވޯކިންގ ފުރުސަތުތައް ހިމެނެއެވެ. މިއީ ވާހަކަދައްކަން ބޭނުންވާ ފަރާތްތަކަށާއި، ޓްރެއިނަރުން، ކޯޗުން، ލީޑަރުން، ވިޔަފާރިވެރިން، ނުވަތަ ޖެހިލުމެއްނެތި މުއާމަލާތްކުރަން ދަސްކުރަން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މި ދާއިރާގެ އެންމެ މޮޅު މާހިރުންގެ ކިބައިން އުނގެނުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.
ޖަމިއްޔާއިން އިތުރަށް ބުނެފައިވަނީ، މިއީ ހަމައެކަނި ކޮންފަރެންސެއް ނޫން ކަމަށާއި، ވާހަކަދެއްކުންތެރިއެއްގެ ގޮތުގައި ބައިވެރިންގެ ގާބިލުކަމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، މީހުންނަށް ކުރާ ނުފޫޒު ވަރުގަދަކޮށްދޭނެ ބަދަލުތަކެއް ގެނުވައިދޭނެ ތަޖުރިބާއެއް ކަމަށެވެ.
މި ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޝައުގުވެރިވާ ފަރާތްތަކުން https://lnkd.in/gf9UE3es މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެމްޕީއެސްއޭއިން ބުނެއެވެ.


