އޮސްޓްރޭލިއާގެ ކުޑަކުދިންގެ ޕާކުތަކުގައި ބޭނުންކޮށްފައި ހުރި، ރަނގަޅު ހާލަތުގެ ސާމާނު ރާއްޖޭގެ ރަށްރަށަށް ހަދިޔާކުރުމުގެ ޕްރޮގްރާމެއް އޮސްޓްރޭލިއާ-މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން ފަށައިފިއެވެ. ރަށްރަށުގެ ކުޑަކުދިންގެ ޕާކުތައް ތަރައްގީކުރުމަށް ހިންގާ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ކައުންސިލްތަކަށް ހުޅުވާލާފައެވެ.
އޮސްޓްރޭލިއާ ހައިކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، މި ޕްރޮގްރާމުގެ ދަށުން ދޫކުރާ ސާމާނަކީ ސީދާ ބޭނުންކުރެވޭ ފަދަ ރަނގަޅު ހާލަތެއްގައި ހުރި ތަކެތިކަން ކަށަވަރުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ބައެއް ތަކެއްޗަށް ކުދިކުދި މަރާމާތު ބޭނުންވެދާނެ ކަމަށާއި، މި ސާމާނު ރާވާނެ ގޮތުގެ ތަފްސީލީ ޕްލޭންތައް ކައުންސިލްތަކަށް ފޯރުކޮށްދޭނެ ކަމަށް ހައިކޮމިޝަނުން ބުނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ ކައުންސިލްތަކުން އުފުލަންޖެހޭ ޒިންމާތަކުގެ ތެރޭގައި، މާލޭގައި ތަކެތި ރައްކާކޮށްފައި ހުރި ތަނުން ސާމާނު ނަގައިގެން ރަށްރަށަށް ގެންދިއުމާއި، ބަހައްޓާނެ ބިން ތައްޔާރުކުރުމުގެ އިތުރުން މަރާމާތުކޮށް ބެލެހެއްޓުން ހިމެނެއެވެ. ސާމާނު ރާއްޖެ ގެންނަތާ އެއް މަސްދުވަހުގެ ތެރޭގައި ކައުންސިލްތަކުން އެތަކެތި ގެންގޮސް ނިންމަންޖެހޭނެއެވެ. މީގެ އިތުރުން، މިއީ ބޭނުންކޮށްފައިވާ ސާމާނަށް ވާތީ، އެތަކެތި ބަލައިގަތުމަށް ރަށުގެ ރައްޔިތުން ގަބޫލުތޯ ބެލުމަކީވެސް ކައުންސިލްތަކުގެ ޒިންމާއެކެވެ.
މި ސާމާނު ހޯދަން ޝައުގުވެރިވާ ކައުންސިލްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ނުވަތަ އީއޯއައި ހުށަހަޅަންޖެހެއެވެ. އެ ހުށަހެޅުމުގައި ރައްޔިތުންގެ ރުހުން އޮތްކަމުގެ ކަށަވަރުކަމާއި، ސާމާނު ބަހައްޓާނެ ސަރަހައްދުގެ ތަފްސީލާއި، އެތަން މަރާމާތުކޮށް ބަލަހައްޓާނެ ގޮތުގެ ޕްލޭނެއް ހިމަނަންޖެހެއެވެ.
އީއޯއައި ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ. ޝައުގުވެރިވާ ކައުންސިލްތަކުން އީމެއިލް ([email protected]) މެދުވެރިކޮށް ހުށަހެޅުންތައް ފޮނުވުމަށް ހައިކޮމިޝަނުން ވަނީ އެދިފައެވެ.


