ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަރޫނީ ގޫނަތިލަކަ، މިދިޔަ ހަފުތާގެ ތެރޭގައި އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މޯލްޑިވްސް ޕްރައިވެޓައިޒޭޝަން ބޯޑު އިން އަރޫނީ އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އޭނާ މަގާމުން ވަކިވެވަޑައިގަތް ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. އަރޫނީއަކީ ހާވާޑް ޔުނިވާސިޓީން މާސްޓާ އޮފް ލޯ ހާސިލުކުރައްވައިގެން ހުންނެވި، ބައިނަލްއަގުވާމީ މާލީ ބާޒާރުގެ ބިޒްނަސް އޮރިޖިނޭޝަން، ގަވަނަންސް، ކްރެޑިޓް އެސެސްމަންޓް އަދި ރިސްކް މެނޭޖުކުރުމުގެ ދާއިރާގެ ބޮޑު ތަޖުރިބާކާރެކެވެ.
ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި މި ބޭންކަށް ބޭންކިން ލައިސަންސް ދޫކޮށްފައިވަނީ 13 އޮކްޓޫބަރު 2024 ގައެވެ.
ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަކީ މި ބޭންކުގެ މައިގަނޑު މަގުސަދެކެވެ. މީގެ އިތުރުން، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުން ވެސް ހިމެނެއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، މި ބޭންކުގެ ހިދުމަތް ރަސްމީކޮށް ފެށުމުން ދިގު މުއްދަތުގެ ފައިނޭންސިންގެ ހިދުމަތް ރާއްޖެއަށް ތައާރަފުވެ، ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާވެ ފުޅާވެގެންދާނެއެވެ.


