އިސްރާއީލުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލުގެ ވެރިޔާ ޑރ. ޙުއްސާމް އަބޫ ސާފިޔާއަށް ލާއިންސާނީ އަނިޔާތަކެއް ކުރަމުންދާ ކަމަށާއި، އޭނާގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ހާމަކޮށްފިއެވެ. އިސްރާއީލު ސިފައިން ޑރ. ޙުއްސާމް ހައްޔަރުކުރީ 2024 ޑިސެމްބަރު 27 ގައި، އޭނާ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަން ހުންނަވަނިކޮށެވެ.
ޑރ. ޙުއްސާމްގެ ދަރިފުޅު، އިލްޔާސް އަބޫ ސާފިޔާ ވަނީ ބައްޕަ މިނިވަންކުރުމަށް ގޮވާލައި ވަރަށް އަސަރުގަދަ އިލްތިމާސެއް ކޮށްފައެވެ. އޭނާ ބުނި ގޮތުގައި ބައްޕަ މެކްސިމަމް ސެކިއުރިޓީ ޖަލެއްގެ އެކަހެރި ގޮޅިއަކަށް ބަދަލުކުރުމަށްފަހު، ބޮޑެތި އަނިޔާތަކެއް ވަނީ ކޮށްފައެވެ. "އަޅުގަނޑުމެންގެ ވަކީލު ނާޞިރު ޢައުދާ ބައްޕައަށް ޒިޔާރަތްކުރި، އޭނާ ކިޔައިދިން ވާހަކަތަކަކީ ވަރަށް ހިތްދަތި ވާހަކަތަކެއް،" ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އިލްޔާސް ވީޑިއޯ މެސެޖެއްގައި ބުންޏެވެ.
އިލްޔާސް އިތުރަށް ބުނި ގޮތުގައި، އަނިޔާކުރުމުގެ ސަބަބުން ބައްޕަގެ މޫނުމަތި ވަނީ ސިފަގެއްލިފައެވެ. އަދި މިހާރު ބައްޕައަށް ރަނގަޅަށް ނޭވައެއް ނުލެވޭ ކަމަށާއި، ވާހަކަ ދެއްކުމަށް ވެސް އުނދަގޫވެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ ދެމަސް ކުރިން އިސްރާއީލުގެ ޑްރޯން ޙަމަލާއެއްގައި ޑރ. ޙުއްސާމްގެ އަނެއް ފިރިހެން ދަރިފުޅު، އިބްރާހީމް ވެސް ވަނީ ޝަހީދުކޮށްލާފައެވެ.
ލާއިންސާނީ އަނިޔާތަކުގެ ތަފްޞީލު
ފިޒީޝަންސް ފޯ ހިއުމަން ރައިޓްސް އިސްރާއީލް އިން ބުނި ގޮތުގައި، ޑރ. ޙުއްސާމްގެ ބޮލަށާއި، ލޮލާއި، ކަންފަތް އަދި ކަރުގެ ވަށައިގެން ޒަޚަމްތަކާއި ނިޝާންތައް ހުއްޓެވެ. ވަކީލާ ބައްދަލުވީއިރު ވެސް އޭނާ ހުރީ ނޭވާލާން އުނދަގޫވެ، ހޭނެތޭ ފަދަ ޙާލަތެއްގައެވެ. އޭނާ ބައްދަލުވުމަށް ނެރުނީ އަތާއި ފައިގައި ބިޑި އަޅުވައި، މޫނު ނިވާކޮށްގެން ތިބި ފުލުހުންގެ ބެލުމުގެ ދަށުންނެވެ.
އިސްރާއީލުން ޑރ. ޙުއްސާމް ބަންދުކޮށްފައިވަނީ "ޣައިރު ޤާނޫނީ ހަނގުރާމަވެރިއެއް" ގެ ގޮތުގައި ކަނޑައަޅައި، އެއްވެސް ޝަރީޢަތަކާ ނުލައި ދިގު މުއްދަތަކަށެވެ. އޭނާގެ އިތުރުން ޣައްޒާގެ 14 ޑޮކްޓަރަކު މިހާރުވެސް އިސްރާއީލުގެ ޖަލުތަކުގައި އެއްވެސް ދަޢުވާއެއް ނުކޮށް ބަންދުކޮށްފައި އެބަތިއްބެވެ.
އދ. ގެ މާހިރުންނާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ދަނީ ޑރ. ޙުއްސާމް ވަގުތުން މިނިވަންކޮށް، އޭނާއަށް ބޭނުންވާ ބޭސްފަރުވާގެ ފުރުޞަތު ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލަމުންނެވެ.



