މިއަހަރުގެ ޤައުމީ ދުވަހަށް ހއ. އުތީމުގައި ކުރިއަށްދާ ތައްޔާރީތައް ބެއްލެވުމަށާއި، އެ އަތޮޅުގައި ކުރިއަށްދާ ވުޒާރާގެ މުހިންމު މަޝްރޫޢުތަކުގެ އަދާހަމަ ބެއްލެވުމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ހއ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ފަށްޓަވައިފިއެވެ.
ބުރާސްފަތި ދުވަހު ފެށްޓެވި މި ދަތުރުފުޅަކީ ހއ. އުތީމު، ތަކަންދޫ، އަދި ބާރަށުގައި ފަށައިގެން ކުރިއަށްދާ "ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢު" ގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ވަޒީރު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ހއ. އުތީމަށެވެ. ޤައުމީ ދުވަހުގެ ތައްޔާރީތައް ބެއްލެވުމަށް ވަޒީރު އެރަށަށް ވަޑައިގަތުމުން ބަނދަރު ސަރަޙައްދުން ވަޒީރަށް މަރުޙަބާ ދެންނެވީ އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދުއެވެ. މީގެއިތުރުން ކައުންސިލްގެ އެހެން މެންބަރުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަޒީރަށް މަރުޙަބާ ދެންނެވުމަށް އެއްވެ ތިއްބެވެ.
އުތީމު ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މިއަހަރުގެ ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ރަށް ޒީނަތްތެރިކުރުމުގެ ބޮޑު މަޝްރޫޢެއްގެ އިތުރުން، ފޯރިގަދަ އަދި ސަގާފީ ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. މިއަހަރުގެ ޤައުމީ ދުވަހަކީ އަންނަ އޮގަސްޓު މަހުގެ 14 ވަނަ ދުވަހެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ހީނާ ވަލީދު އެ އަތޮޅު ބާރަށަށާއި ތަކަންދޫއަށްވެސް ވަޑައިގެން، އެ ރަށްރަށަށް ވަޑައިގެން ޣާޒީ ބަންޑާރައިންގެ ތާރީޚީ ވާހަކަތަކާއި އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ފަހުގެ އަދާހަމަ ވަނީ ބައްލަވާލައްވައިފައެވެ.



