ސަރުކާރުން އަގު ކޮންޓްރޯލްކޮށްފައިވާ ކާޑުގެ ބާވަތްތައް، ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ވިއްކާ ވިޔަފާރިވެރިންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ގދ. ގައްދޫ ކައުންސިލުން ދީފިއެވެ.
ގައްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވަކި އަގުތަކެއް ކަނޑައަޅައި ކޮންޓްރޯލްކޮށްފައިވާ ހަނޑޫ، ހަކުރު އަދި ފުށް އެ ރަށުގެ ބައެއް ފިހާރަތަކުން މާ ބޮޑު އަގުގައި ވިއްކަމުންދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. މިއީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގަވައިދާ ހިލާފު، ޣައިރުޤާނޫނީ އަމަލެއްކަން ކައުންސިލުން ފާހަގަކުރެއެވެ.
ކައުންސިލުން އިތުރަށް ބުނި ގޮތުގައި، ކާޑުގެ ބާވަތްތައް ކިރައި، ޕެކެޓުކޮށްގެން ވިއްކި ނަމަވެސް، ޕެކެޓު ކުރުމުގެ ހަރަދު ހިމަނައިގެން އަގު ބޮޑުކުރެވޭނީ އިކޮނޮމިކް މިނިސްޓްރީއަށް އެކަމުގެ ތަފުސީލު ހުށަހަޅައި، ހާއްސަ ހުއްދައެއް ލިބިގެންނެވެ. އެފަދަ ރަސްމީ ހުއްދައަކާ ނުލައި ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް ކާޑުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެކެވެ.
އެހެންކަމުން، މި އުސޫލުތަކާ ހިލާފުވާ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީއަށް ރިޕޯޓުކުރަމުންދާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި ގަވައިދާ ހިލާފުވާ ވިޔަފާރިތައް ފުރަތަމަ ފަހަރު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށާއި، އެކަން ތަކުރާރުކުރާ ނަމަ ހަ މަސްދުވަހުގެ މުއްދަތަށް އެ ވިޔަފާރިއެއް ބަންދުކުރުމުގެ ބާރު އިކޮނޮމިކް މިނިސްޓްރީއަށް ލިބިގެންވާކަންވެސް ގައްދޫ ކައުންސިލުން ވަނީ ހަނދުމަކޮށްދީފައެވެ.


