ސިވިލް ސާވިސް މުވައްޒަފުންނަށް ދިމާވާ ޚާއްޞަ ޙާލަތްތަކާ ގުޅިގެން، ރަސްމީ ގަޑިއަށް އޮފީހަށް ހާޒިރުނުވެވޭ ނަމަ ބޭނުންކުރެވޭ ގޮތަށް 30 މިނެޓުގެ "ބަފާ ޓައިމް" އެއް ލިބޭނެހެން ސިވިލް ސާވިސްގެ ގަވާއިދަށް ބޮޑު އިސްލާހެއް ގެނެސްފިއެވެ. ސިވިލް ސާވިސް ކޮމިޝަނުން މި އިސްލާހު ގެނައުމަށްފަހު އިއްޔެ ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
އަލަށް ގެނައި މި އިސްލާހުގައިވާ ގޮތުން، "ބަފާ ޓައިމް" އަކީ ކުއްލި އަދި ޚާއްޞަ ޙާލަތްތަކާ ހުރެ ގަޑިއަށް ނުދެވޭ މުވައްޒަފުންނަށް، އިތުރު އިދާރީ ހުއްދައަކާ ނުލައި މަސައްކަތު ގަޑި އެޖަސްޓްކޮށްލުމަށް ލިބޭ ލުޔެކެވެ. މި އުސޫލުގެ ދަށުން ރަސްމީކޮށް އޮފީސް ފެށޭ ގަޑިން ފެށިގެން ލަސްވެގެން 30 މިނެޓުގެ ފުރުސަތެއް މުވައްޒަފުންނަށް ލިބޭނެއެވެ.
ނަމަވެސް، މި ބަފާ ޓައިމްގެ ބޭނުންހިފާ ނަމަ، އޮފީހަށް ލަހުން ހާޒިރުވާންޖެހުނު ސަބަބު ބަޔާންކޮށް އެ އޮފީހެއްގެ އެޗް.އާރް ސެކްޝަނަށް ރިޕޯޓުކުރަން ޖެހެއެވެ. އަދި ކަނޑައަޅާފައިވާ 30 މިނެޓަށްވުރެ އިތުރަށް ލަސްވެއްޖެ ނަމަ ބަލާނީ ގަޑިޖެހުނީ ކަމަށާއި، އެ ވަގުތަށްފަހު އެއްވެސް ސަބަބަކާ ހުރެ ގަޑި އެޖަސްޓް ނުކޮށްދެވޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި އުސޫލުން ލަސްވާ ވަގުތުކޮޅު މުވައްޒަފުން ޖެހޭނީ މަސައްކަތު ގަޑި ނިމޭއިރު އިތުރުކޮށްގެން ފުރިހަމަކުރާށެވެ. މިސާލަކަށް، ހެނދުނު 8:00 ގައި ފެށޭ އޮފީހަކަށް މުވައްޒަފަކަށް ހާޒިރުވެވުނީ 8:15 ގައި ނަމަ، އެ ދުވަހުގެ މަސައްކަތު ވަގުތު ހަމަކުރުމުގެ ގޮތުން އެ މުވައްޒަފަކު އޮފީހުން ދޫކޮށްލާނީ މެންދުރުފަހު 2:15 ގައެވެ.


