ފުލުހުންގެ ހަގީގީ ކާމިޔާބީއަކީ ކޮނޑުގައި ޖަހާ ރޭންކެއް ނުވަތަ މެޑެއްޔެއް ނޫން ކަމަށާއި، އެއީ ކުށުގެ ނުރައްކަލުން ސަލާމަތްވުމުން ރައްޔިތުންގެ މޫނުމަތިން ފެންނަ އުފާވެރި ހިނިތުންވުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ. ސީޕީ މިހެން ވިދާޅުވީ ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ގޮތުން ބޭއްވި ފާސިންގ އައުޓް ޕެރޭޑްގައި ދެއްކެވި ވާހަކަފުޅުގައެވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ސީޕީ ވަނީ، ތަމްރީނު މައިދާނުގައި އޮހޮރުވާލި ކޮންމެ ދާ ތިއްކަކީ މަގުމަތީގެ އަމާންކަމަށްޓަކައި ވާ ގުރުބާނީއެއްގެ ފެށުން ކަމަށް ވިދާޅުވެފައެވެ.
ޒުވާން އޮފިސަރުންނަށް ނަސޭހަތްތެރިވަމުން ސީޕީ ވިދާޅުވީ، އެބޭފުޅުން ލައިގެން ތިބި ނޫކުލައިގެ ޔުނީފޯމަކީ ހަމައެކަނި ފޭރާމެއް ނޫން ކަމަށާއި، އެއީ ނާމާންކަމުގެ ތެރެއިން ރައްޔިތުންނަށް ފެންނާނެ ރައްކާތެރިކަމުގެ ސޫރަ ކަމަށެވެ. އަދި ފުލުހުންގެ ޝަރަފާއި ކަރާމާތް ހިފެހެއްޓުމަކީ ކޮންމެ މީހެއްގެ ވާޖިބެއްކަން ހަނދާންކޮށްދެއްވައި، ﷲ ސުބްހާނަހޫ ވަތައާލާ ހުރިހާ އަމަލެއް ބައްލަވާވޮޑިގެންވާކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތް 43 ވަނަ ކޯހާ އެކު އާ މަންހަޖުގެ ދަށުން ޒަމާނީ ބަދަލުތައް ގެނެސް، ނަމޫނާ އޮފިސަރުން ބިނާކުރުމަށް ކޮލެޖުގެ އިސްވެރިންނަށް ސީޕީ އިރުޝާދު ދެއްވިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް ރިއާޔަތްކުރައްވައި، ތަމްރީނު މަރުކަޒުތައް ޒަމާނީ ވަސީލަތްތަކުން ފުރިހަމަކޮށް، މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިގެންވާ ތަނަކަށް ހައްދަވާނެ ކަމުގެ ޔަގީންކަން ސީޕީ ތަކުރާރު ކުރެއްވިއެވެ. ވާހަކަފުޅު ނިންމަވާލައްވަމުން ސީޕީ ވަނީ ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށާއި، ކޯހުގެ މުދައްރިބުންނަށް ޝުކުރު އަދާކުރައްވައި، ދަސްވެނިވި އޮފިސަރުންނާއި ބެލެނިވެރިންނަށް މަރުހަބާ ވިދާޅުވެފައެވެ.


