ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. "ކީސްޓޭޖް-3 2025ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް" ރިޕޯޓް އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ދަރިވަރުންގެ ނަތީޖާ ރަނގަޅު ފެންވަރެއްގައި ހިފެހެއްޓުމަށްޓަކައި ގަވާއިދުން ސްކޫލަށް ހާޒިރުވުން މުހިންމު ކަމަށެވެ. ނަމަވެސް މި ދުވަސްވަރު ގިނަ އަދަދެއްގެ ކުދިން ސްކޫލަށް ނުދާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަފީއު ފާހަގަކުރެއްވި ގޮތުގައި، މިހާރު ދުނިޔޭގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ހިނގަމުންދާ ދުވަސްވަރު ކަމަށްވީ ނަމަވެސް، އަށްހާހެއްހާ ދަރިވަރުން ސްކޫލަށް ނުގޮސް ތިބުމަކީ ބެލެނިވެރިންނާއި މުދައްރިސުން ވެސް ވިސްނަންޖެހޭ ބޮޑު މައްސަލައެކެވެ. އަދި ހާޒިރުނުވާ ކުދިންގެ 40 އިންސައްތައަކީ މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންނެވެ. ގަވާއިދުން ސްކޫލަށް ނުދިއުމުގެ ސަބަބުން ފިލާވަޅުތައް ގެއްލި، ދަރިވަރުންގެ ކިޔެވުމުގެ ނަތީޖާއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސްކޫލަށް ނުދާ ކުދިންގެ މައުލޫމާތު މިހާރު ވަރަށް ގާތުން ބަލަމުންދާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން މިނިސްޓްރީއަށް އެފަދަ ކަންކަން ރިޕޯޓް ކުރަނީ ވަކި އަދަދަކަށް ކުދިން ހާޒިރުނުވުމުން ކަމަށްވީ ނަމަވެސް، މިހާރު ކޮންމެ ދުވަހަކު ސްކޫލަށްދާ އަދި ނުދާ ކުދިންގެ އަދަދު ވަކިން މޮނިޓަރ ކުރަމުންދާ ކަމަށެވެ. އަދި ދަރިވަރުން ހާޒިރުވާ މިންވަރު ވަޒަންކުރުމަށްޓަކައި ވޭތުވެދިޔަ މަހު ހާއްސަ ޕްލެޓްފޯމެއްވެސް ވަނީ ގާއިމުކޮށްފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ސްކޫލަށް ނުދިއުން ތަކުރާރުވާނަމަ ކުދިން ސްކޫލަށް ދާން ފޫހިވާނެއެވެ. އެހެންކަމުން މިއީ ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން އަވަސް ހައްލެއް ހޯދަންޖެހޭ ކަމެކެވެ.


