2026 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެންސީއޭ އިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ، ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫހު އާލާކޮށް ޤައުމިއްޔަތަށް އޮންނަ ލޯތްބާއި ޝައުގު އިތުރުކުރުން ކަމަށެވެ.
މީގެ އިތުރުން މިނިވަންކަމުގެ މުހިންމުކަމާއި ޤައުމީ ގޮތުން ފާހަގަކުރެވޭ މުހިންމު ހާދިސާތަކުގެ ޒިކުރާ އާލާކޮށް، ދިރުވުމަކީ ވެސް މި މުބާރާތުގެ މަގުސަދެކެވެ. އެގޮތުން ކެމެރާގެ ލެންސް މެދުވެރިކޮށް ސަގާފީ އުފާފާޅުކުރުމާއި، ގުދުރަތީ މަންޒަރުތަކާއި، ތާރީޚީ ތަންތަނާއި، ކަނޑުއަޑީގެ އަޖައިބުތަކާއި، ގޮނޑުދޮށްތަކާއި، ދިވެހިންގެ އަމިއްލަ އުފެއްދުންތަކާއި މުޖުތަމަޢުގެ ބަދަހި ގުޅުންތަކާއި އެ ގުޅުންތަކުގެ ސަބަބުން ލިބޭ އުފަލާއި އިޙްސާސްކުރެވޭ މިނިވަންކަން ފޮޓޯއަކުން ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމެވެ.
އެންސީއޭ އިން ބުނީ މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވައި ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މުބާރާތުގައި ބައިވެރިކުރާ ފޮޓޯތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. އަދި ސުންގަޑި ހަމަވާ ފަހުން ހުށަހަޅާ އެއްވެސް ފޮޓޯއެއް ބަލައެއް ނުގަނެވޭނެ ކަމަށް އެންސީއޭ އިން ބުނެއެވެ.


