ވ.އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން އަލަށް ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް ހައިކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފިއެވެ.
އާރަށް ކުއްޔަށްދިނުމުގެ މުއާމަލާތުގައި ޚިޔާނާތްތެރިވިކަމުގެ ތުހުމަތު ސާބިތުވެ، 25 ޑިސެންބަރު 2022 ގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލުހުކުމެއް އިއްވިއެވެ. ނަމަވެސް، 18 އެޕްރިލް 2024 ގައި ހައިކޯޓުން އެ ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބަލަން ދަށު ކޯޓަށް އެންގިއެވެ. އެގޮތަށް އެންގިއިރު ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަތުމަށް ހައިކޯޓުން ނިންމާފައިވާތީ، ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ.
މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި، ހައިކޯޓުގެ ނިންމުން ބަދަލުކުރަން ނުފެންނަކަމަށް ނިންމަވައި ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު އިއްވެވި ރައުޔަށް، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހިމް އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު ވަނީ ތާއީދުކުރައްވާފައެވެ. ފަނޑިޔާރު ޝުޖޫންގެ ރައުޔުގައި ފާހަގަކުރެއްވި ގޮތުގައި، ހައިކޯޓުގައި ދައްކާފައިނުވާ އާ ނުކުތާތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅާއިރު، އެކަމަށް އޮންނަ އިސްތިސްނާ ހާލަތެއް ބުނެދޭން ދައުލަތަށް ވަނީ ނުކުޅެދިފައެވެ. އަދި ދައުލަތުން ހަދާ އިޖުރާއީ ގޯސްތަކަށް ކޯޓުތައް މެދުވެރިކޮށް ފަރުވާ ދިނުމަކީ ޝަރީއަތުގެ ހަމަހަމަ އުސޫލާ ޚިލާފު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އާ ހެކި ބަލައިގަނެވޭނީ ދަށު ކޯޓުގައި ހޯދިފައިނުވާ، މައުޟޫއަށް އަސަރުކުރާ ފަދަ ސައްހަ ހެކިތަކެއް ހުރި އިސްތިސްނާ ހާލަތެއްގައެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު، މީގެ ކުރިން މަޑުޖައްސާލާފައި އޮތް އާރަށު މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދެން ކުރިއަށްދާނީ އެ އާ ހެކިތައް އެއްފަރާތްކުރުމަށްފަހުއެވެ. މި މައްސަލައިގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ބައިވެސް ދެން އަލުން ބަލާނީ އާ ހެކިތަކާ ނުލައެވެ.
މީގެ އިތުރުން، އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ ރ. ފުއްގިރި މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލި 11 އަހަރުގެ ޖަލު ހުކުމުގެ މައްސަލަވެސް ހައިކޯޓުން ވަނީ އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގާފައެވެ. އެސްއޯއެފް އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވި ކަމަށް ބުނާ އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރުވެސް ދަނީ ހިނގަމުންނެވެ. ހަމައެއާއެކު، އޭސީސީއާއެކު ހަދާފައިވާ އެސްކްރޯ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރު ހޯދުމަށް ރައީސް ޔާމީން ކުރައްވާ ދައުވާގެ މައްސަލައެއްވެސް ހައިކޯޓުގައި މިހާރުވެސް ދަނީ ހިނގަމުންނެވެ.


