ދިވެހި ފިލްމީ ދާއިރާގައި އެންމެ ގިނަ ފިލްމު ޑައިރެކްޓް ކުރުމުގެ ރެކޯޑް އޮންނަ މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ 50 ވަނަ ފިލްމު "ގިލަން" ރޭ އޮލިމްޕަސް ސިނަމާގައި ވަނީ ވަރަށް ކުލަގަދަ ހަފްލާއަކާއެކު ޕްރިމިއާ ކޮށްފައެވެ. ފިލްމީ ދާއިރާގެ ގިނަ އަދަދެއްގެ ފަންނާނުންނާއި ބެލުންތެރިން ބައިވެރިވި މި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ. މި ރަސްމިއްޔާތުގެ ތެރެއިން، ދިވެހި ފިލްމީ ސިނާއަތަށް އަމްޖޭ ކޮށްދީފައިވާ ބުރަ އަދި އަގުނުކުރެވޭފަދަ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ 20 ޕްރޮޑަކްޝަން ހައުސްއަކުން ގުޅިގެން އޭނާއަށް ބޮޑު ހަނދާނީ ފިލައެއް ވަނީ އަރުވައިފައެވެ.
"ގިލަން" އަކީ މީގެ އަހަރުތަކެއް ކުރިން އަމްޖޭ މަސައްކަތް ފަށާފައިވާ، އޭނާގެ ކެރިއަރުގެ އެންމެ މުހިންމު އެއް ފިލްމަށް ވާއިރު، މި ފިލްމު ބިނާކޮށްފައިވަނީ މަގުބޫލު ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމް ހަމަ އެ ނަމުގައި ލިޔެފައިވާ މަޝްހޫރު ވާހަކައަށެވެ. އާއިލީ ސިއްރު ލޯބީގެ ގުޅުންތަކެއްގެ ތެރެއިން ރޫހާނީ ހާދިސާތަކެއް ކިޔައިދޭ މި ސަސްޕެންސް ތްރިލާގެ މައިގަނޑު ރޯލުތަކުން ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތުމަތު އާޒިފާ (އަޒޫ)، އަހުމަދު ސައީދު، އައިމިނަތު ނޫރާ، ދަރާ މުހައްމަދު ރަޝީދު އަދި މަރިޔަމް ޝަކީލާ ފަދަ ރާއްޖޭގެ އެންމެ ފުންނާބުއުސް ތަރިން ފެނިގެންދާނެއެވެ.
މިހާރު އޮލިމްޕަސް ސިނަމާގެ ކައުންޓަރުންނާއި އެ ސިނަމާގެ އޮންލައިން ޕޯޓަލް https://tikiti.mv/movies/gilan މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވަރަށް ފަސޭހަކަމާއެކު ބައްލަވައިގަންނަން ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އޮންލައިންކޮށް ޓިކެޓް ވިއްކަން ފެށުމާއެކު ދިގު ކިއޫތަކުގައި ނުޖެހި ބެލުންތެރިން ބޭނުންވާ ޝޯއެއްގެ ޓިކެޓް އަވަހަށް ހޯދުމުގެ ފުރުސަތު ލިބިގެންދާއިރު، މާލޭގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްރަށުގައި މި ފިލްމު އެޅުވުމުގެ ހުރިހާ އިންތިޒާމްތަކެއް ކުރަމުންދަނީ އައިލެންޑް ސިނަމާގެ ފަރާތުންނެވެ. އެހެންކަމުން "ގިލަން" އަމިއްލަ ރަށެއްގައި އެޅުވުމަށް ޝައުގުވެރިވާ ފަރާތްތަކުން އައިލެންޑް ސިނަމާގެ ނަންބަރު 9111164 ނުވަތަ 7779621 އަށް ވައިބަރ ކުރެއްވުމަށް ފިލްމުގެ ޓީމުން އެދެއެވެ.


