ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އެ އެޖެންސީގެ ކޯލް ސެންޓަރު އައްޑޫ ސިޓީގައި ހުންނަ އެންސްޕާގެ އޮފީހުގައި ގާއިމްކޮށް މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ.
މި ބަދަލާއެކު، ކޯލް ސެންޓަރުގެ ޚިދުމަތްދޭ ގަޑިތަކަށް ވެސް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. ކުރިން ހަމައެކަނި ރަސްމީ ދުވަސްތަކުގައި (އާދީއްތައިން ބުރާސްފައްޗަށް) ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ދެމުން އައި ޚިދުމަތް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. އެގޮތުން މިއަދުން ފެށިގެން، ހަފްތާގެ 6 ދުވަހު (ހޮނިހިރުން ބުރާސްފައްޗަށް) ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށް ކޯލް ސެންޓަރުގެ ޚިދުމަތް ރައްޔިތުންނަށް ލިބެމުންދާނެ ކަމަށް އެންސްޕާއިން ހާމަކުރެއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވީ، މިއީ އެންސްޕާގެ އެހީތަކަށް އެދޭ ފަރާތްތަކަށާއި ޚިދުމަތް ހޯދާ ރައްޔިތުންނަށް، ލިބެމުންދާ އެހީތަކުގެ އެންމެ ފަހުގެ އަދާހަމަ (އަޕްޑޭޓްސް) އާއި މައުލޫމާތު މާ ފަސޭހައިން ހޯދުމުގެ މަގު ފަހިކޮށްދިނުމަށް ގެނައި މުހިންމު ބަދަލެއް ކަމަށެވެ.


