ސަރުކާރުން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ ލައިން" ގެ ހިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ފާއިތުވީ ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި 6،900 އަށްވުރެ ގިނަ ދަތުރުކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މި މަހުގެ 12 އިން ފެށިގެން 28 ޖޫންގެ ނިޔަލަށް ޖުމްލަ 6،912 ދަތުރު ކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން މާލެ ތެރޭގައި 3،569 ދަތުރު އަދި ވިލިމާލޭގައި 528 ދަތުރު ކޮށްފައިވާއިރު، ގިނަ ދަތުރުތަކަކީ މާލެ ޓެކްސީ ލައިން މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހޯދާފައިވާ ހިދުމަތްތަކެވެ. އެގޮތުން 6،112 މީހަކު އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތަށް އެދިފައިވާއިރު، ކޯލް ސެންޓަރުގެ ހޮޓްލައިން 1655 މެދުވެރިކޮށް 800 މީހަކު ވަނީ ހިދުމަތް ހޯދާފައެވެ.
މާލެ ޓެކްސީ ލައިންއަކީ ގްރޭޓާ މާލޭ ސަރަހައްދުގައި ދިމާވެފައިވާ ޓެކްސީގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށި ހިދުމަތެކެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން ހިންގާ މި ހިދުމަތުގައި ތިމާވެއްޓާ ރަހުމަތްތެރި 150 އިލެކްޓްރޯނިކް ވެހިކަލް ،އީވީ ބޭނުންކުރާއިރު، ތަފާތު ބޭނުންތަކަށް ހާއްސަކޮށްގެން ތިން މޮޑެލްއެއްގެ ކާރު އަންނަނީ ބޭނުންކުރަމުންނެވެ. އޭގެތެރޭގައި މާލޭގެ ހަނި މަގުތަކަށް ހާއްސަ ކުދި "ލުމިން" މޮޑެލްގެ ކާރުތަކާއި، މާލެ، ހުޅުމާލެ އަދި އެއާޕޯޓް ދަތުރުތަކަށް ހާއްސަ "ޑީޕަލް އެސްފައިވް" ގެ އިތުރުން ގިނަ ދާގީނާ އުފުލޭ ބޮޑެތި "ޑީޕަލް އެސްސެވަން" މޮޑެލްގެ ކާރުތައް ހިމެނެއެވެ.
ވަޒީރު ސައީދު އިތުރަށް ވިދާޅުވީ، ކޯލް ސެންޓަރުގެ ހިދުމަތް އަވަސްކުރުމަށް ހާއްސަ ސަމާލުކަމެއްދޭ ކަމަށާއި، ބާރުބޮޑު ގަޑިތަކުގައި 5-6 މިނިޓް ތެރޭގައި އަދި އެ ނޫން ގަޑިތަކުގައި 3-4 މިނިޓް ތެރޭގައި ކޯލްތަކަށް އިޖާބަދެމުންދާ ކަމަށެވެ. މީގެ އިތުރުން ޓެކްސީ ޑްރައިވަރުންނަށް ބޭނުންވާ ހާއްސަ ތަމްރީންތައްވެސް މިހާރު ދެމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ހިދުމަތް ހޯދުމަށް ބޭނުންކުރާ އެޕްލިކޭޝަން މިހާރު އެޕަލް އެޕްސްޓޯރާއި ގޫގުލް ޕްލޭސްޓޯރުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ވިދާޅުވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މާލޭގެ ދަތުރުފަތުރާއި ޕާކިންގެ މައްސަލަތަކަށް ވަށާޖެހޭ ހައްލެއް ހޯދައިދިނުން ކަމަށެވެ.


