ހުޅުމާލޭ ފޭސް 2 ގެ އަމާން ޓަވަރުގެ ފުރަތަމަ ފަންގިފިލާއިން ވެއްޓި، ސީރިއަސް އަނިޔާތަކެއް ލިބުނު 16 އަހަރުގެ ފިރިހެން ކުއްޖާގެ ހާލަތު ރަނގަޅުވުމާ ގުޅިގެން މިހާރު ވަނީ ވެންޓިލޭޓަރުން ނަގައި، އައިޖީއެމްއެޗްގެ ޖެނެރަލް ވާޑަށް ބަދަލުކޮށްފައެވެ.
މިދިޔަ އަންގާރަ ދުވަހުގެރޭ 23:14 އެހައިކަންހާއިރު ހިނގި މި ހާދިސާއާ ގުޅިގެން އެ ކުއްޖާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރެވުނެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މެޑިކަލް ޓީމުން އެ ކުއްޖާ ވެންޓިލޭޓަރު ސަޕޯޓުން ނެގީ ހާލަތު ކުރިއަށްވުރެ ބޮޑަށް ރަނގަޅުވުމުންނެވެ. ނަމަވެސް، މި ހާދިސާގައި އެ ކުއްޖާއަށް ލިބުނު އަނިޔާތަކުގެ އިތުރު ތަފްސީލެއް ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ. ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.


