މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ބިނާކުރަމުންދާ، ތިލަމާލެ ބްރިޖު ބޭނުންކުރާ އުޅަނދުތަކުން ޓޯލް ފީ ނެގުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މީގެކުރިން ސިނަމާލެ ބްރިޖުން ޓޯލް ފީ ނެގުމާ ބެހޭގޮތުން ވަރަށް ބޮޑަށް ދިރާސާކޮށް މަޝްވަރާކުރެވުނު ނަމަވެސް، ފަހުން އެ ފީ ނުނަގަން ނިންމެވީ ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުންނާއި މި ސަރުކާރުންވެސް ދަމަހައްޓަމުންދަނީ އެ ނިންމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، މިހާރު ހަދަމުންދާ ތިލަމާލެ ބްރިޖުން ޓޯލް ފީއެއް ނެގުމާ މެދު ސަރުކާރުގެ ތެރޭގައި އެއްވެސް މަޝްވަރާއެއް ކުރެވި، ނުވަތަ ދިރާސާއެއް ހަދާފައިވެސް ނުވާނެ ކަމަށް ރައީސް ކަށަވަރުކޮށްދެއްވިއެވެ.
މި ބްރިޖު މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ލޯނު އެހީގެ ދަށުން އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ، ރާއްޖޭގައި ހިންގާ އެންމެ ބޮޑު އުމްރާނީ މަޝްރޫއެވެ. 2022 ވަނަ އަހަރުގެ އޮގަސްޓް މަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ބްރިޖުގެ ތާރީޚީ ސެގްމަންޓް؛ ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް ވެސް ވަނީ ކާމިޔާބުކަމާއެކު ހަރުކޮށްފައެވެ.
ޖުމްލަ 6.7 ކިލޯމީޓަރުގެ ދިގު މި މަޝްރޫއުގައި ކަނޑާއި ފަޅުތައް ހުރަސްކޮށް އަޅާ މައި ބްރިޖުތަކާއި މެރިން ވިއާޑަކްޓްތަކުގެ އިތުރުން، ބިމާ އެއްހަމައެއްގައި ހަދާ 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ބްރިޖުގެ ދަތުރުފަތުރުގެ ނިޒާމު ބައްޓަންކުރެވިފައިވަނީ ވަރަށް ޒަމާނީކޮށެވެ. އެގޮތުން މާލެއާއި ވިލިމާލެ ބްރިޖާ ގުޅޭ ސަރަހައްދުގައި ޓްރެފިކް ލައިޓްތައް ހަރުކުރެވޭއިރު، ގުޅިފަޅާއި ތިލަފުށީގައި ހުންނާނީ ވަށްބުރު ޖަންކްޝަންތަކެކެވެ. މީގެއިތުރުން، ކޮންމެ ރަށެއްގެ އެތެރޭގެ މަގުތަކާ ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހެދުމަށް ހަމަޖެހިފައިވާއިރު، ބްރިޖުގެ ބޮކިތައް ދިއްލުމަށް ސޯލާ ޕެނަލްތައް ހަރުކޮށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.



