ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ފަށާފައިވާ ޚާއްސަ އޮޕަރޭޝަނުގެ ދަށުން، މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ބަލައިފާސްކުރުމުގެ ހަރަކާތްތަކެއް ހިންގައިފިއެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގާ މި އޮޕަރޭޝަނުގައި ޓާސްކްފޯހުން ވަނީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ހުރި ބައެއް ތަންތަން ބަލައިފާސްކޮށް، ބިދޭސީންނާ ސުވާލުކޮށްފައެވެ. އިއްޔެ އާއި މިއަދު ހިންގި މި ހަރަކާތްތަކުގައި ޖުމްލަ 40 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެއެވެ.
މި ބަލައިފާސްކުރުންތަކުގެ ތެރެއިން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ދެ ބިދޭސީއަކު ފާހަގަކުރެވިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން ފާއިތުވި އަހަރާއި މިއަހަރުގެ ތެރޭގައި ވަނީ ގިނަ ރެއިޑް އޮޕަރޭޝަންތަކެއް ހިންގައި، ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެފައެވެ. އަދި މިގޮތަށް އަތުލައިގަނެވޭ ބިދޭސީން ޑިޕޯޓޭޝަން ސެންޓަރުގައި ބޭތިއްބުމަށްފަހު، އެމީހުންގެ ޤައުމުތަކަށް އަނބުރާ ފޮނުވުމުގެ މަސައްކަތް ސަރުކާރުން ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.




