ރާއްޖޭގެ ހުރިހާ އަތޮޅެއް އާރުޓީއެލް ފެރީގެ ވިއުގައަކުން ގުޅާލައި، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް މުޅި ރާއްޖޭގައި އެ ޚިދުމަތް ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށާއި، ކަނޑައަޅާފައިވާ ސުންގަޑިތަކަށް މަޝްރޫއުތައް ނިންމުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވައިފައެވެ. މީގެ ތެރެއިން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ހިމެނެނީ، ޖެނުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ޚިދުމަތް ފެށުމަށް ކުރަންޖެހޭ ކަންކަމަށް ޚާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދިއުމެވެ.
އެމްޓީސީސީ މެދުވެރިކޮށް ސަރުކާރުން މިހާރުވެސް ރާއްޖޭގެ 15 އަތޮޅެއްގެ 132 ރަށެއްގައި އާރުޓީއެލް ފެރީގެ ޚިދުމަތް ދެމުން އަންނައިރު، އެންމެ ފަހުން މި ޚިދުމަތް ފަށާފައިވަނީ ލ. އަތޮޅުގައެވެ. މިއީ މުޅި ރާއްޖެ 3 ފޭސްއަކަށް އަދި 6 ޒޯންއަކަށް ބަހާލައިގެން، ރަށްތައް ދަތުރުފަތުރުގެ އެއް ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ހިންގާ ޤައުމީ ބޮޑު މަޝްރޫއެކެވެ.
މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ހެޔޮ އަގުގައި އަދި ރައްކާތެރިކަމާއެކު ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މީގެ އިތުރުން، މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާވެގެންދިއުމަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރަށްތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ، އަދި އަތޮޅުތަކުގެ ތަރައްގީއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.




