ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފަރާތްތަކަށް ދެމުން އަންނަ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމާފައިވާކަން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ހާމަކުރައްވައިފިއެވެ. ކޮމިޝަނަރު މިކަން އިއުލާނުކުރެއްވީ ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ، ރިޓަޔާކުރާ ފުލުހުންނަށްދޭ އިނާޔަތްތައް ހިސާބުކުރުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ޝަރަފުވެރިކަމާއެކު ދެވޭ އިނާޔަތްތައް ކަނޑައެޅުމުގައި މިހާރު އޮތް ލިމިޓު ބަދަލުކުރުމުގެ އިތުރުން، ފުލުހުންގެ ޚިދުމަތުގައި 25 އަހަރު ފުރިހަމަކުރުމަށްފަހު ރިޓަޔާކުރާ ފަރާތްތަކަށްވެސް، ޚިދުމަތުގައި ދެމިތިބޭ ފުލުހުންނެކޭ އެއްފަދައިން ބޭސްފަރުވާގެ ހިދުމަތް ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށާއި، ފުލުހުންނަށް އާ ފުރުސަތުތައް ފަހިކޮށްދިނުމަށް ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން ކޮމިޝަނަރު ވިދާޅުވީ، މިއީ ފުލުހުން އެދެމުންދިޔަ ފަދަ އުއްމީދީ ބަދަލުތަކެއް ކަމަށެވެ.
މީގެއިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ފުލުހުންގެ ހިދުމަތްތައް ބައްޓަންކުރާނީ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބޭނެ ފަދަ ގޮތަކަށް ކަމަށާއި، ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ވަސީލަތްތައް އިތުރުކުރުމާއި މުވައްޒަފުން ތަމްރީނުކުރުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހިންގުންތެރިކަމާއެކު ފުލުހުންގެ ހިދުމަތް ފުޅާކުރުމުގައި އެ މުއައްސަސާ ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.




