ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ބަންގްލަދޭޝްގެ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މޯލްޑިވްސް ޕޮލިސް ސާވިސްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ އަލް ނޫމާން އާއި 20 އަހަރުގެ ރަކީބުލް ހަސަން ޕަޕޫންއެވެ.
ފުލުހުން ފާހަގަކުރެއްވި ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ހިންގި މި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އަލް ނޫމާން ފަސް ދުވަހަށް އަދި ރަކީބުލް ހަސަން ޕަޕޫން 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.




