މާލެ ސަރަޙައްދުގައި އެމްއާރު ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިއުލާނުކޮށްފިއެވެ.
ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން، ފުރަތަމަ ބުރުގައި ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ސިއްޙީ ޚިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށެވެ. މި އުމުރުފުރާއަށް ވެކްސިން ދިނުން ކުރިއަށްދާނީ 28 ޖޫން އިން ފެށިގެން 30 ޖޫން ގެ ނިޔަލަށެވެ.
މާލެ ސަރަޙައްދުގައި ވެކްސިން ޖަހައިދޭނެ މަރުކަޒުތަކާއި ގަޑިތަކަށް ބަލާއިރު، އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު (UPHCC) އިން ވެކްސިން ޖަހައިދޭނީ ހޮނިހިރު ދުވަހުން އާދީއްތަ ދުވަހަށް، ހެނދުނު 08:30 އިން މެންދުރު 12:00 އަށެވެ.
ހުޅުމާލެ ހޮސްޕިޓަލުން އާދީއްތަ، ހޯމަ އަދި އަންގާރަ ދުވަހު ހެނދުނު 09:00 އިން 11:00 އަށް ވެކްސިން ދޭއިރު، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެ ހޮސްޕިޓަލުން ޚިދުމަތް ދޭނީ މެންދުރުފަހު 13:00 އިން ހަވީރު 15:00 އަށެވެ.
މީގެ އިތުރުން، ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުން އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 10:00 އިން ހަވީރު 16:00 އަށް ވެކްސިން ޖަހައިދޭއިރު، ވިލިމާލެ ހޮސްޕިޓަލުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހަށް، މެންދުރުފަހު 13:30 އިން ހަވީރު 15:30 އަށެވެ.
އަތޮޅުތަކާއި ރަށްރަށުގައި މި ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެ ގަޑިތައް، އެ ރަށެއްގައި ހުންނަ ސިއްޚީ މަރުކަޒުތަކުން ނުވަތަ ހޮސްޕިޓަލްތަކުން ވަކިން އިއުލާން ކުރަމުންދާނެ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ. ވުމާއެކު، ވެކްސިން ޖަހަންޖެހޭ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިތަކަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
ރާއްޖޭގައި ހިމްބެހި ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. ހިމަބިއްސަކީ ކެއްސުމާއި ކިނބިހިއެޅުމުގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ.
ހިމަބިހީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯއްދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.




